މިސަރުކާރުގައި ރާއްޖެ ނުދަރުވައި ކުރިއަށް ގެންދެވިއްޖެ ކަމަށާއި، ދެންވެސް ނުދަރުވައި ޤައުމު ކުރިއަށް ގެންދެވޭނީ މިހާރުގެ ރައީސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޞާލިހަށް ކަމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި އެމްޑީޕީގެ "ޒަމާނަކުން އައި ޒަމާނެއް" ޖަލްސާގައި ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، 2019 ވަނަ އަހަރު އެމްޑީޕީން ވެރިކަމާއި ހަވާލުވީއްސުރެން މި ސަރުކާރުން ދަރަމުން އަންނަ ކަމަށް އެކި ފަރާތްތަކުން ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. ކޮންމެ މަހަކު ވެސް އޮންނަނީ ސަރުކާރު ދަރައި ބަނގުރޫޓުވެފައި ކަމަށާއި މިހާރު 2026 ގައި ވެސް ސަރުކާރު ދަރާ ވާހަކަ މީހުން ދައްކަމުން އަންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ކުރިއަށްވުރެ މާ ވަރުގަދަ އިގްތިސޯދަކަށް މިހާރު މި އިގްތިސޯދު މިއޮތީ ބަދަލުވެފަ. ދަރާ ވާހަކަ ދައްކާއިރުގަ، އެއްވެސް ބޭފުޅަކަށެއް ވިދާޅެއް ނުވެވޭ އެބޭފުޅުންގެ ސިޔާސަތަކީ ކޮބައިތޯ. އަޅުގަނޑުމެން މި ދަންނަވަނީ ފުރަތަމަ ކަމަކަށް ނުދަރާނެއޭ. ނުދަރާ މި ގައުމު ކުރިއަށް ބާރަށް ގެންދެވޭނީ ވެސް ރައީސް ސޯލިހާއި އެއްކޮށް އަޅުގަނޑުމެންގެ ކޯލިޝަނާއި އެއްކޮށް.
– ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، މި ގައުމު ނުދަރާ ކުރިއަށް ބާރަށް ގެންދެވޭނީ ރައީސް ސޯލިހާއި އެކީ، ވެރިކަން ކުރާ ސަރުކާރުގެ ކޯލިޝަނާއި އެކީ ކަމަށެވެ. މިރޭގެ އިވެންޓުގައި އެމްޑީޕީގެ މެނިފެސްޓޯގެ އެންމެ ފަހު ބައި ލޯންޗް ކޮށްފައިވާއިރު، ފައްޔާޒު ވިދާޅުވީ، އެ މެނިފެސްޓޯއަކީ ސަރުކާރުގެ ވީ 5 އަހަރާއި ވޭތުވެދިޔަ 20 ވަރަކަށް އަހަރު ރައްޔިތުންނާއި އެކީ މަގުމަތީގައި އުޅެ، ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް އެނގިގެން، ފަސް އަހަރު ލިބިފައިވާ ތަޖުރިބާގެ އަލީގައި ތައްޔާރު ކޮށްފައިވާ މެނިފެސްޓޯއެއް ކަމަށެވެ.
މި ސަރުކާރަށް ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ކުރަން ޖެހުނު މަސައްކަތަކީ އެތައް ބަޔަކު އެތައް ޒަމާނަކަށް ހާވާފައިވާ ހަޑިތައް ސާފުކޮށް، މި ގައުމު 21 ވަނަ ގަރުނާއި ހިސާބަށް ގެންނަން ކުރަން ޖެހުނު މަސައްކަތް ކަމަށެވެ.
ކޮމެންޓު ފޮނުވާ