ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް މާރޝަލް އާރޓްސް ސެންޓަރ އަދި ހުޅުމާލެ ޓީ.ޓީ. ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޅިވަރުގެ ރޮނގުން ކުރައްވާ އުންމީދުތައް ހުރީ އުހުގައިކަމަށް ވިދާޅުވަމުންނެވެ. ރައީސް ވިދާޅުވީ، ކުޅިވަރުގެ ރަން ވަނަތައް ބޭނުންވާކަމަށާއި، ނަމަވެސް އެ ކާމިޔާބީ ހާސިލުކުރަން އެކަށީގެންވާ މިންވަރާ ގާތަށްވެސް، ރާއްޖޭގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދެވިފައި ނެތްކަމީ، ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއްކަމަށެވެ. ރާއްޖޭގައި ވަރަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބިކަމަށާއި، ނަމަވެސް ޙަޤީޤީ ކާމިޔާބަކާ ހަމައަށް ނުދެވެނީސް، އޭގެ ތެރެއިން ގިނަ ކުޅުންތެރިން ކުޅިވަރުގެ މައިދާން ދޫކޮށްލާތަން ފެނިގެންދާކަމަށް ރައީސް ވިދާޅުވިއެވެ. ސަބަބަކީ، ކުޅުންތެރިންގެ ކިބައިގައި ހުރި ހުނަރުތައް ތަރައްޤީކޮށްދެވޭނެ ރަނގަޅު ޕްލޭނެއް އަދި ނެތުންކަން ރައީސް ފާހަގަކުރެއްވިއެވެ.
ކުޅިވަރު ތަރައްޤީކުރުމުގައި، ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށްދީ ތަރައްޤީކޮށްދިނުންކަމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުން ރަނގަޅު ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ކުޅުންތެރިންނަށް ހޯދައިދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އެސޯސިއޭޝަންތަކާއި ބެލެނިވެރިން ގުޅިގެން ކުރާ މަސައްކަތުގައި، ސަރުކާރުން އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް މިސަރުކާރު އޮތީ ތައްޔާރަށްކަމަށް ރައީސް ވިދާޅުވިއެވެ.
ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގެ ތެރެއިން، މިއަދު މި ހުޅުވޭ އާ ވަސީލަތްތަކަކީ، ޓީ.ޓީ. އާއި މާރޝަލް އާރޓްސްއަށް ޝައުޤުވެރިވާ ޒުވާނުންނަށް ހުޅުވިގެންދާ ރަނުގެ ފުރުޞަތުތަކެއް. މިއަދު މި ހުޅުވޭ ޤައުމީ މާރޝަލް އާރޓްސް ސެންޓަރުގެ އިތުރުން، މާރޝަލް އާރޓްސް އެސޯސިއޭޝަނެއް، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޤާއިމުކުރެވިގެންދާނެ. އެ އެސޯސިއޭޝަން ޤާއިމުވެ، މާރޝަލް އާރޓްސްއަށް ރަސްމީ ހައިސިއްޔަތެއް ލިބުމުން، ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ރާއްޖޭގެ ނަމުގައި ވާދަކޮށް، ރާއްޖެއަށް ރީތި ނަން ހޯދައިދޭނެ ވަރަށް ގިނަ ޒުވާނުން އެބަތިބިކަން އަޅުގަނޑަށް ހަމަ ޔަޤީން. އެފަދަ އުންމީދީ މޫނުތަކެއް، މިތަނުންވެސް އަޅުގަނޑަށް އެބަ ފެނޭ.
-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި، ރާއްޖޭގެ ކުޅުންތެރިން ހޯދި ފަޚުރުވެރި ކާމިޔާބީގެ ހަނދާން އައުކުރައްވާފައެވެ. ޚާއްޞަކޮށް، ޓޭބަލް ޓެނިހާއި ބެޑްމިންޓަނުން ހޯދި ހަތަރު ރަން މެޑެލް ރައީސް ފާހަގަކުރެއްވިއެވެ.
އަޅުގަނޑު އުންމީދުކުރަނީ، މިއަދު މި ހުޅުވޭ ޓީ.ޓީ ހޯލަކީ، ރާއްޖެއަށް ރަން ވަނަތައް ހޯދައިދޭނެ އިތުރު ކުޅުންތެރިން އުފައްދާނެ ތަނަކަށް ވާނެކަމަށް. މީގެ އިތުރުން، މާލޭގައި ނޭޝަނަލް ޓީ.ޓީ ސެންޓަރެއް ޤާއިމުކުރުމަށް، މިހާރު ވަނީ ބިމެއް ކަނޑައަޅާފައި. އަދި އެ މަސައްކަތް، އަންނަ އަހަރު އިރާދަކުރެއްވިއްޔާ ފެށޭތޯ އަޅުގަނޑުމެން މިދަނީ ބަލަމުން. މީގެ ކުރިން ބައިނަލްއަޤްވާމީ ބައެއް ކުޅިވަރު މުބާރާތްތައް ރާއްޖޭގައި ބާއްވައިފި. އަޅުގަނޑުމެންގެ އަމާޒަކީ، ދެންމެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ވިދާޅުވިފަދައިން، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ މުބާރާތެއް ބޭއްވުން. އެ ފުރުޞަތު ލިބޭތޯ، މިނިސްޓަރ މިހާރުވެސް އެބަ ގެންދަވާ މަސައްކަތް ކުރައްވަމުން.
-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސްގެ ވާހަކަފުޅުގައި މިދިޔަ މަހު އޮންލައިންކޮށް ބޭއްވި، ބައިނަލްއަޤްވާމީ ޗެސް މުބާރާތްކަމަށްވާ "ސައުތު އޭޝިއަން ޗެސް ފެސްޓިވަލް ފޮރ ކެޑޭޓްސް، ޔޫތު އެންޑް ޑިސޭބަލްޑް ޖޫނިއާސް 2020″ގައި ރާއްޖޭގެ ދެ ކުޅުންތެރިއަކު ރަން މެޑެލް ހޯދިކަން ފާހަގަކުރައްވާ އެކުދިންނަށް މަރުޙަބާ ދެންނެވުމަށްފަހު ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ޗެސް މުބާރާތަކުން ރާއްޖެއަށް ރަން މެޑެލް ލިބުނު ފުރަތަމަފަހަރުކަމަށެވެ. މިއިން އެނގިގެން ދިޔައީ، ކުޅިވަރު ވަސީލަތްތައް ފަހިކޮށްދެވޭވަރަކަށް، ދިވެހި ޒުވާނުންގެ ކަރުގައި އެޅިގެންދާ ރަން މެޑެލްތައް އިތުރުވެގެންދާކަންކަމަށް ރައީސް ވިދާޅުވިއެވެ.
އަޅުގަނޑު ވެރިކަމާ ޙަވާލުވިއިރު، ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު އެއް ޝަކުވާއަކަށް ވެފައިއޮތީ، މާލޭގެ ފަތާ ޓްރެކް ސަރަޙައްދުގައި، އަތްވާއި ވާރޭން ހިޔާވާނެ ގޮތެއް ނެތްކަމުގެ ޝަކުވާ. އެކި ސަބަބުތަކާހުރެ ލަސްވެގެންދިޔަނަމަވެސް، އިރާދަކުރެއްވިއްޔާ އެ މަސައްކަތް މިހާރު އެވަނީ ނިމުމަކާ ހަމަޔަށް އައިސްފައި. ރާއްޖޭގައި ބޮޑީ ކަނޑުގެ ސަރަޙައްދު ކަމަށްވިޔަސް، މޫދުކުޅިވަރުތައް ނުވަތަ ފެނުގައި ކުޅޭ ކުޅިވަރުތައް ކުޅުމަށް އެކަށީގެންވާ ވަސީލަތްތަކެއް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވިފައެއް ނެތް. މިހާރު ސަރުކާރުގެ އަމާޒަކީ، އޮލިމްޕިކް ސައިޒްގެ ސްވިމިންގ ޕޫލެއް، މާލެ ސަރަޙައްދުގައި ޤާއިމުކުރުން. އެކަމަށް ބޭނުންވާ ބިންވެސް، މިނިސްޓަރ ދެންމެ އެ ވިދާޅުވިފަދައިން، މިހާރު އޮތީ ކަނޑައަޅާފައި. މިހާރު ކުރިއަށްދަނީ، އެންމެފަހުގެ ތަފްޞީލީ ކުރެހުންތައް ކުރެހުމުގެ މަސައްކަތް. އެކަން ނިމުމާއެކު، އިރާދަކުރެއްވިއްޔާ އެކަމުގެ ޢަމަލީ މަސައްކަތް ފެށިގެންދާނެ.
-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ، ކުޅިވަރުގެ ރޮނގުން ރަން މެޑެއްޔާއި ކާމިޔާބަށް އުންމީދު ކުރަންވާނީ، އެކަމަށް އެކަށޭނަ މިންވަރަށް، ވަސީލަތްތައް ތަރައްޤީކޮށްދީ، ކުޅުންތެރިން އުފައްދައިގެންކަމަށާއި، އެކަމުގައި އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިންނާ ދެމެދު އެއްވެސް ތަފާތުކުރުމެއްނެތި، ފަހިކޮށްދީގެންކަމަށެވެ.
އަޅުގަނޑުމެން ވެރިކަމާ ޙަވާލުވީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކޮށް، ރަނގަޅު ކާމިޔާބެއް ހޯދުމަށްޓަކައި، މުހިންމު ދެކަމަކަށް ވިސްނައިގެން. ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވި ފަދައިން، ކުޅުންތެރިން ބިނާކުރަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށްދިނުން. ދެވަނަކަމަކީ، ކުޅިވަރުގެ ދާއިރާއަށް ސިޔާސީ ނުފޫޒެއް ނުފޯރުވުން.
-ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައިސްގެ ވާހަކަފުޅުގައިކުޅިވަރުގެ ދާއިރާއިން ތަރައްޤީކުރާ ވަސީލަތްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް ކުޅުންތެރިންނަށާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނަށް އިލްތިމާސްކުރެއްވިއެވެ. އަދި ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ރީތި ނަން ހޯދައިދޭން ގަދައަޅައި މަސައްކަތް ކުރުމަށްރައީސް އެދިވަޑައިގެންނެވިއެވެ.
ކޮމެންޓު ފޮނުވާ