ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލް ތާރާ ސިންގް އާއި ސަކީނާ އަލީގެ ގޮތުގައި އެނބުރި އައި ފިލްމް "ގަދަރް 2″ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރަމުން އެބަދެ އެވެ.
އެ ފިލްމަށް އެންމެ ހަފުތާއެއްގެ ތެރޭގައި މިހާރު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސް ލިބިފަ އެވެ. އެއީ މި މަހު 11 ގައި ރިލީޒްކުރި ފިލްމަށް މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް ލިބުނު އާމްދަނީ އެވެ. މިހާރު އަނެއްކައިވެސް އާމްދަނި މިވަނީ ބޮޑުތަނުން އިތުރު ވެފައިއެވެ. އެގޮތުން މި ފިލްމަށް އިންޑިއާ އިން އެކަނި އިއްޔެއާ ހަމައަށް ލިބުނު އާމްދަނީ މިހާރު ވަނީ 400.70 ކްރޯޑް ރުޕީސް (48.3 މިލިއަން ޑޮލަރު) އަށް އަރައިފަ އެވެ.
މިއީ ބޮކްސް އޮފީހުގައި ރެކޯޑްތައް ހަދާފައިވާ އާމިރު ޚާންގެ ޑަންގަލް" އާއި ޕްރަބާސްގެ "ބާހްބަލީ" އަދި ޝާހްރުކް ޚާންގެ "ޕަތާން" ފަދަ ކާމިޔާޞު ފިލްމް ތަށް ފަހަތަށް ޖައްސައިލައިފައިވާ ފިލްމްއަކަށް މިހާރު ވަނީ ވެގެން ގޮސްފައިއެވެ.
ސަނީ އާއި އަމީޝާ ޕަޓޭލް ލީޑް ރޯލު ކުޅުނު "ގަދަރު 2″ ގެ ވިޔަފާރި މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާ އިރު، މާ ލަސްތަކެއް ނުވެ މީގެ އިންޑިއާގެ އާމްދަނީ 500 ކްރޯޑް ރުޕީސް (60.3 ލިއަން ޑޮލަރު) ހުރަސްކުރާނެ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
މިއީ މި އަހަރު، ފުރަތަމަ ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އަދި މިއީ ސަނީ ޑިއޯލްގެ ދިގު ފިލްމީ ކެރިއަރުގައި އޭނާގެ އެންމެ ކާމިޔާބު ފިލްމަށް މިހާރު ވަނީ ވެފަ އެވެ.
އިންޑިއާ-ޕާކިސްތާނުގެ ހަނގުރާމައިގެ ދުވަސްވަރު އުޅުނު ދެ ލޯބިވެރިންގެ ދިރިއުޅުން ދައްކާ "ގަދަރު"ގެ ފުރަތަމަ ފިލްމު ނުކުތީ 2001 ވަނަ އަހަރެވެ. އަނިލް ޝަރުމާ ޑައިރެކްޓުކުރި "ގަދަރު 2″ ގައި ދައްކަނީ އޭގެ 23 އަހަރު ފަހުން އެ މީހުންގެ ދިރިއުޅުމެވެ.