ރޮނާލްޑޯގެ އަލް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގަށް

ރޮނާލްޑޯގެ އަލް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގަށް

އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް މެޗުގައި ޝަބާބް އަލް އަހްލީ ބަލިކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުން އަލް ނަސްރު ޖާގަ ހޯދައިފިއެވެ.

ރޭ ކުޅުނު މެޗު އަލް ނަސްރުން ކާމިޔާބު ކުރީ ފަހަތުން އަރަައި 4-2 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އަލް ނަސްރުންނެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ޓަލިސްކާއެވެ. ނަމަވެސް އޭގެ ފަހުން ޝަބާބުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން، މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 18 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ޔަހްޔާ އަލް ޣައްސާނީއެވެ. އޭގެ ފަހުން 46 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ވެސް އޭނާއެވެ.

ދެ ވަނަ ހާފުގައި އަލް ނަސްރުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓެއް ވެފައި ވަނިކޮށެވެ. އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސުލްތާން އަލް ޣަނާމްއެވެ. މެޗުގައި އަލް ނަސްރުން ލީޑު ނަގައި، ލީޑު ފުޅާ ކުރީ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކު ވަގުތުގަ އެވެ. އެ ޓީމަށް ލީޑު ނަގައިދިނީ ޓަލިސްކާ އެވެ. ލީޑު ފުޅާކޮށްދިނީ މާސެލޯ ބްރޮޒޮވިޗްއެވެ.

މި މެޗަށް ކުރިމަތިލީއިރު، އަލް ނަސްރު އޮތީ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެއީ އެ މެޗުގެ ކުރިން ސައުދީ ޕްރޯ ލީގުގައި ކުޅުނު ދެ މެޗުން ބަލިވެފައި އޮތުމުންނެވެ. މިދިޔަ ސީޒަންގެ ސައުދީ ލީގުގެ ދެ ވަނައިގައި އަލް ނަސްރު ނިންމާލަން ޖެހުނުއިރު، އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވެސް ޖާގަ ނުލިބެއެވެ.

ޔޫރަޕްގެ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކޮށް، ގޯލު ޖެހުމުގެ އެތައް ރެކޯޑެއް ހަދާފައިވާ ރޮނާލްޑޯ، އަންނަ މަހު ފަށާ މި ސީޒަންގެ އޭޝިއާގެ ޗެމްޕިއަންސް ލީގުގައި ކުޅޭނެ އެވެ. ނަސްރުގެ އިތުރުން ސައުދީ އަރަބިއްޔާގެ އަލް ހިލާލާއި އަލް ފައިހާ އަދި އަލް އިއްތިހާދު ވެސް ޗެމްޕިއަންސް ލީގު ކުޅޭނެ އެވެ.

އޭއެފްސީ މުބާރާތްތަކުގައި މި ސީޒަނުން ފެށިގެން ބިދޭސީ ހަ ކުޅުންތެރިން ޓީމުގައި ހިމެނުމުގެ ފުރުސަތު ދޭއިރު، އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އޭޝިއާގެ ކުޅުންތެރިއަކަށް ވާން ޖެހެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *