ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިންޑިއާ ސިފައިން ތިބި މައްސަލާގައި ހުރި ކަންބޮޑުވުންތަކާއިއެކު އެކަމުގެ މައުލޫމާތު ހޯދުމަށް އެދުނު ނަމަވެސް ކޯލިޝަން ބައިވެރިނަށް އެމައުލޫމާތު ހިއްސާ ކުރައްވާފައި ނުވާކަމަށް މިސަރުކާރު ކޯލިޝަންގެ އެއްބައިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ނ.ހެނބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަގފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ މިހާރު އޮތް ކޯލިޝަން ސަރުކާރުގައި އެއްބަސްވެ ކޯލިޝަންގެ ތެރެއިން މަސައްކަތް ކުރަން ފެށިއިރު ވެފައިވާ އެއްބަސްވުމުގެ އެންނެ މުހިންމު ބަޔަކީ އިސްލާމްދީނަށާއި، ދިވެހިންގެ އިސްތިޤުލާލަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ކުރެވޭނީ ކޯލިޝަންގެ މެދުގައި މަޝްވަރާކޮށް ޤާނޫނީ ހަމަތަކުގެ މަތީންކަމަށެވެ.
ނަމަވެސް ވެރިކަމުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންޑިއާ ސިފައިން ތިބެ އެމީހުންގެ ބާރު ރާއްޖޭގެ އެކި ތަންތަނަށް ފޯރުވައި، ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނުވަދެވޭ ތަންތަން ހުރުމުން އެކަންކަމުގެ ކަންބޮޑުވުމާއިއެކު އެމްއާރުއެމްގެ ފަރާތުން ރައީސް މައުމޫނާއި، ޚުދު ޖުމްހޫރީ ޕާޓީގެ ފަރާތުންވެސް އެކަން އޮޅުންފިލުވުމަށް އެދުނު ނަމަވެސް އެކަން ހިއްސާ ނުކުރެއްވި ކަމަށެވެ. ރައީސް މައުމޫން ފޮނުއްވި ސިޓީއަށް ޖަވާބުވެސް ނުދޭތާ ހަތަރު މަސް ވެފައިވާކަމަށް ޤާސިމް ވިދާޅުވިއެވެ.
ރައީސް މައުމޫން މީގެ ދެތިން މަސް ކުރިން ސިޓީއަކުން އެދުނު، މިކަމުގަ ހުރި ކަންބޮޑުވުންތަކާއިއެކު ކަންކަން ސާފުކޮށްދެއްވުމަށް. މިހާތަނަށް އެއްވެސް ޖަވާބެއް ނުދެއްވާ. އިންޑިއާ ސިފައިން ރާއްޖޭގެ ހަތަރު ފަސްދިމާލެއްގައި ތިބުމަކީ މައްސަލައެއް، އެކަން އެއީ މައްސަލައެއް. އަޅުގަނޑުމެން މިނިވަންކަން ނެތި ކިހިނެތްތޯ ކުރިއަށްދާނީ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ކޮންމެ ރައްޔިތަކުވެސް ވޯޓު ދެއްވަން ވާނީ ވަރަށް އިޚުލާސްތެރި ކަމާއިއެކުގައި ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާ ގޮތަކުން ޤައުމުގެ މިނިވަން އޮވެދާނެ ކަމާއިއެކު ސުވާލު އުފެދޭ ހިސާބުގައި އޮތްކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވަނީ ރާއްޖޭގެ މިނިވަންކަމަށްވުރެ ރައްޔިތުން އިސްކުރަން ޖެހޭ އެއްވެސް ކަމެއް އޮވެގެން ނުވާނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ