މިސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށާއި މިސަރުކާރަށް ދެވަނަ ދައުރެއް ދޭންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ށ.ފޭދޫގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މިސަރުކާރަކީ ކޮރަޕްޓް ސަރުކާރެއް ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން ހިންގަމުންދަނީ ބޮޑެތި ވައްކަންތައް ކަމަށާއި، މިކަންކަމުގެ ވާހަކަ ދައްކަވަނީ ހަގީގަތް ސާފުކޮށް އެގޭތީކަމަށެވެ. ޤާސިމް ވިދާޅުވީ އެކި ކުންފުނިތަކުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ވެރިކަން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުންކަމަށާއި ކުންފުނިތަކުގައި ނެތް ވަރަކުންވެސް ވަޒީފާތަކަށް މީހުން ނަގައި ކޮރަޕްޝަން އިންތިހާއަށް ހިންގަމުންދާ ކަމަށެވެ.
ސަރުކާރުގައި ތިބީ ކޮރަޕްޓް ވެފަ ތިބި މީހުން. ވަރަށް ސާފުކޮށް މިދަންނަވަނީ، އެގޭތީ މިދަންނަވަނީ. ކުންފުނުތަކުގަ ހަސްފަސް ނެތް. ފެނަކައާއި، ބެނަކައާއި، ބޮނަކައާއި، ސްޓެލްކޯއާއި، މެޓަލްކޯއާއި އައިސް ހަދައިގެން އުޅޭއިރު ހަރާން އެއްވެސް އެއްޗެއް ނެތް. ހުރިހާ އެންމެންނަށް ވަޒީފާދީގެން ކޮންމެ ގޮތެއް ހަދައިގެންވެސް ވެރިކަމަށް އަންނަ މި ބޭނުންވަނީ ކީއްވެތޯ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވީ މީގެ ކުރިން ވެރިކަން ކުރުމަށް ފަސް އަހަރަކީވެސް ދިގު މުއްދަތެއްކަަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވިކަމަށެވެ. ރައީސް ޞާލިހު މިހެން ވިދާޅުވުމަށްފަހު އިތުރު ދައުރެއް ހޯދުމަށް ކުރާ މަސައްކަތަކީ ސީދާ ވަކި ބައެއްގެ މަޖުބޫރު ކަމެއް އޮވެގެން ކުރާ މަސައްކަތެއް ކަމުގައި ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވިދާޅުވީ ކިތަންމެ ވަރަކަށް ރައްޔިތުން ކައިރިއަށް ގޮސް ވާހަކަ ދެއްކިޔަސް މިސަރުކާރަށް ނޫނެކޭ ބުނުނަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ނޫންތ ވިދާޅުވީ ފަސް އަހަރު ދުވަސް މާދިގޭ. މިއަދު އެނާ ކީއްވެތޯ ފަސް އަހަރު ދުވަސް ނިނުނީމާ މިއުޅެނީ، ހަތަރު ފަސް ލައްކަ ރުފިޔާ އެލިބޭ ދައުލަތުން ދައުރެއް ނިންމާފިއްޔާ. ކޮން ކަމަކާތޯ އޭނަ ވެރިކަމަށް އަންނަ އެބަގުޑިލަނީ. އެހެންވީމާ އަޅުގަނޑު މިދަންނަވަނީ އޭނާއަށް މަޖުބޫރު ވެގެންނޭ.
– ޤާސިމް ވިދާޅުވިއެވެ.
ޤާސިމް ވަނީ މިބައްދަލުވުމުގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރަށް ދިވެހި ރައްޔިތުން ދެއްވާ ވޯޓަކީ ވަރަށް ބޮޑަށް ވިސްނަވާފަ އެންމެ ގާބިލް މީހަކަށް ބެލުމަށްފަހު ދެވޭ ވޯޓަކަށް ހެދުމަށް ޤާސިމް ވަނީ އެދިވަޑައިގެންފައެވެ.