ހަގީގަތާއި ޚިލާފް ވާހަކަދައްކައި އަބުރު ކަތިލުމަކީ ކުރާނެ ކަމެއްނޫން، ޚިދުމަތް ކުރާނީ ރައްޔިތުންނަށް: ޑރ.މުއިއްޒު

ހަގީގަތާއި ޚިލާފް ވާހަކަދައްކައި އަބުރު ކަތިލުމަކީ ކުރާނެ ކަމެއްނޫން، ޚިދުމަތް ކުރާނީ ރައްޔިތުންނަށް: ޑރ.މުއިއްޒު

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2023 02:28
0

ރިޔާސީ ކެމްޕޭންގައި އެއްވެސް ކެންޑިޑޭޓެއްގެ އަބުރު ކަތިލައި، ހަގީގަތާއި ޚިލާފް ވާހަކަ ދެއްކުމަކީ ކުރާނެ ކަމެއް ނޫންކަމަށާއި، ޚިދުމަތް ކޮށްދޭން ބޭނުންވަނީ ދިވެހި ރައްޔިތުންނަށް ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް އައްޑޫ ސިޓީއަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން ހުޅުލޭގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކޮންމެ ކެންޑިޑޭޓަކުވެސް މަސައްކަތް ކުރައްވަން ޖެހޭ ގޮތަކީ އެބޭފުޅަކަށް ތާއީދު ހޯދުމަށް ކުރައްވަންޖެހޭ މަސައްކަތް ކަމަށެވެ. އެއްވެސް ކެމްޕޭނަކުންވެސް އެއްވެސް ކެންޑިޑޭޓަކުވެސް އެހެން ކެންޑިޑޭޓުންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ވާހަކަ ދައްކައި އަބުރަށް އަރައި ގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓާއި، އެމަނިކުފާނުގެ ކެމްޕޭން ޓީމުން ޒާތީ ގޮތުން ދައްކަވާ ވާހަކަތަކާއި އަބުރު ނަގާލުމަށް ކުރާ މަސައްކަތާއި ގުޅިން އެއަށް ރައްދު ދިނުމަށް ބޭނުން ނުވާކަމަށެވެ. އެބޭފުޅުންނަށް އެކަން އެގޮތަށް ކުރަން ޖެހެނީ ވެރިކަމުގެ ފަސް އަހަރުގައި ރައްޔިތުންނަށް ޚިދުމަތް ނުދެވުމުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮންމެ ކެންޑިޑޭޓަކުވެސް ކުރައްވާނެ ކަންތައްތައް ރައްޔިތުންނަށް ހުށަހަޅަންވީ. އަޅުގަނޑު މަސައްކަތް ކުރަނީ އެގޮތަށް. އަޅުގަނޑަށް ކޮށްދެވޭނެ ކަންކަން އަޅުގަނޑު ހުށަހަޅާނީ. އަޅުގަނޑަށް އެހާ މުހިންމެއްނޫން އެހެން މީހުންގެ ވާހަކަ ދައްކަން. އެއީ ރަނގަޅު ގޮތެއްވެސް ނޫން. އެހެން ބޭފުޅުން ކަން ކުރައްވާނެ ގޮތެއް އަޅުގަނޑަށް މުހިންމެއް ނޫން.

– ޑރ.މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވެވަޑައިގަންނަވާ ގިނަ ވައުދުތަކަކީ މިސަރުކާރުން ފުއްދާފައިވާ އަދި ފުއްދަމުންދާ ވައުދުތައް ކަމަށްބުނެ ރައީސް ޞާލިހު ދައްކަވާފައިވާ ވާހަތަކާއި ގުޅިގެން މުއިއްޒު ވިދާޅުވީ މިސަރުކާރުން ކަންކަން ކޮށްފައިވާ ގޮތަކީ ދިވެހި ރައްޔިތުންނަށް އޮޅޭނެ ކަމެެއް ނޫންކަމަށެވެ. އެބޭފުޅުން ކަންކަން ކޮށްދީ ހުރިހާ ކަމެއް ނިންމާފައިވާނަމަ އިތުރު ކެންޑިޑޭޓުން ވާދަކޮށް އިންތިޚާބުގައި ވާދަ ކުރުމުގެ މާނައެއްވެސް ނެތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މިސަރުކާރުުން ކަންކަން ކޮށްފައިވާ ގޮތަކީ ދުވާލުގެ އިރުފަދައިން ފެންނަން ހުރި ހަގީގަތްތަކަށް ވާއިރު އެކަންކަން އިތުރަށް އޮޅުވާ ނުލުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެސިޓީގެ ރައްޔިތުންނަށް ކޮށްދެއްވާނެ ކަންކަމުގެ ތަސައްވަރު ހުށަހަޅުއްވާނެ ކަމަށެވެ. އަދި ވައުވެ ހުށަހަޅުއްވާ ކަންކަން ކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒުވަނީ ދެއްވާފައެވެ.

މުއިއްޒު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަމަށް ބުނާ ކަންކަމުގެ ނަތީޖާ ލިބޭނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އެދުވަހު ދިވެހި ރައްޔިތުން މިސަރުކާރު ބަލައި ގަންނަ މިންވަރު ހާމަވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.