މޯލްޑިވްސް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތަށް އެސްއޯއީ ކޮމިޓީން އޭސީސީއަށް

މޯލްޑިވްސް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތަށް އެސްއޯއީ ކޮމިޓީން އޭސީސީއަށް

Author
މުޙައްމަދު ޖިމީ
06 ޑިސެމްބަރ 2020 01:11
0

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވައިފިއެވެ.

އެސްސޯއީ ކޮމިޓީން ދިރާސާކުރި މޯލްޑިވް ގޭހުގެ މައްސަލައިގެ ރިޕޯޓްގައި ވަނީ އެކުންފުނިން ގޭސް ގަންނަނީ މާރކެޓް ރޭޓަށް ވުރެ ބޮޑުކޮށްކަމަށެވެ. އަދި އެކުންފުނި ހިންގުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާކަމަށްވެސް ކޮމިޓީގެ ރިޕޯޓްގައިވެއެވެ. އެކޮމިޓީން ވަނީ މޯލްޑިވް ގޭހުގެ މައްސަލަ އެންމެ ގިނަވެގެން2 މަސްދުވަހުގެ ތެރޭގައި ބަލައި ނިންމާ، އެމައްސަލަ ނިންމިގޮތުގެ ރިޕޯޓް ކޮމިޓީއަށް ފޮނުވުމަށް އޭސީސީގައި ދެންނެވުމަށްވެސް ފާސްކޮށްފައެވެ.

މޯލްޑިވް ގޭހުގެ ކޮރަޕްޝަންގެ މައްސަލަތެއް އެސްއޯއީ ކޮމިޓީން ބަލާތާ ގިނަ ދުވަސްތަކެއްވީފަހުން އެކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ މޯލްޑިވް ގޭހުން ވިއްކަން ގެންނަ ގޭހުގެ އަގު ބޮޑުކަން ފާޙަގަކޮށްފައެވެ. އެގޮތުން އެރިޕޯޓްގައި ބުނެފައިވަނީ ކޮންމެ ޝިޕްމެންޓަކުން އެވްރެޖްކޮށް 45-60 އިންސައްތަ ގޭސް ޑެލިވަރީ ކުރުމަށް ޕްރިމިއަމްގެ ގޮތުގައި ހިމަނާފައިވާކަމަށެވެ. އަދި 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު މާކެޓުގައި ގޭހުގެ އަގުދަށްވި ނަމަވެސް މޯލްޑިވް ގޭހުން ގޭސް ގަންނަ އަގު 65-99 އިންސައްތަ ބޮޑުކޮށްފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ. އަދި 2016-2018 އަހަރާއި ހަމައަށް ގޭހުގެ ޕްރިމިއަމް އަގު ކޮންމެ ޓަނަކަށް 250-285 ޑޮލަރުގައި ހުރިއިރު، މޯލްޑިވް ގޭހަށް ގޭސް ފޮނުވައިދޭ ކުންފުނިން ގޭސް ގަތުން ހުއްޓާލިފަހުން ކޮންމެ ޝިޕްމަންޓަކުން 157 ޑޮލަރު އަގު ހެޔޮވެފައިވާކަން ފަހަގަކޮށްފައިވެއެވެ.

ކޮމިޓީން ވަނީ ގޭހުގެ އަގު ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގޭސް ރައްކާކުރުމަށް ކެޕޭސިޓީ އިތުރުކުރުމަށްވެސް އެކުންފުނީގައި އެދުމަށް ރިޕޯޓްގައި ހިމަނާފައެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓްގައި ވަނީ ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއްގައި ސަސްޕެންޑްކޮށްފައިވާ އެކުންފުނީގެ މެނޭޖިންގ ޑރެކްޓަރ ޝަޒައިލް ޝިޔާމް އެކުންފުނި ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަމަށާއި، އެކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް އެހެން މެނޭޖިންގ ޑިރެކްޓަރަކު ޢައްޔަންކުރުމަށް ސަރުކާރާއެކު މަސައްކަތްކުރުމަށްވެސް ކަނޑައަޅާފައެވެ.

ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ މިހާރުވަނީ އަހަރަކަށްވުރެ ގިނަ ދުވަސްވެފައެވެ. ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައި އޭނާގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.