އެމްޑީޕީން ދުރުކުރަމުން ދުރު ކުރަމުން ގޮސް އެންމެ ފަހުން މަރުގެ ތުންފަތް މައްޗަށް ގެނެސް ޕާޓީން ކަނޑާލީ ކަމުގައި އެޕާޓީގެ އެންމެ ގިނަ ދުވަސްވީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއިއެކު ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބުގެ ކެމްޕޭންގައި ހއ.މުރައިދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނުގެ އަބަދުވެސް ތާއީދާއި ލޯބި އޮންނާނެ ޕާޓީއެއް ކަމަށެވެ. ނަމަވެސް މިފަހުން އެޕާޓީން ކަންކަން ކުރަމުންދަނީ ޑިމޮކްރަސީއާއި ބީރައްޓިހި ގޮތަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ބައެއް ފަރާތްތަކުން އެމްޑީޕީން ނަޝީދު ވަކިވީކަމަށް ބުނަމުންދާކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެމްޑީޕީން ވަކިވީކީ ނޫންކަމަށާއި، އެމްޑީޕީން އެމަނިކުފާނު ބޭރުކޮށްލީކަމަށެވެ. އެކަން ކުރީ ދުވަހެއް ދުވަހަކަށް ބާކީ ކުރަމުން ކުރަމުން ގޮސް އެންމެ ފަހުން މަރުގެ ތުންފަތްމައްޗަށް ގެނެސްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު MDPއިން ވަކިވީކީ ނޫން. MDP އަޅުގަނޑު ވަކިކުރީ. ދުވަހުން ދުވަހަށް ބާކީކުރަމުން ބާކީކުރަމުން އައިސް މަރުގެ ތުންފަތް މައްޗަށް ގެންދިޔައީ.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު MDPއިން ވަކިވީކީ ނޫން. MDP އަޅުގަނޑު ވަކިކުރީ. ދުވަހުން ދުވަހަށް ބާކީކުރަމުން ބާކީކުރަމުން އައިސް މަރުގެ ތުންފަތް މައްޗަށް ގެންދިޔައީ." pic.twitter.com/07CA0qLLti
— Eva Abdulla 🎈❓ (@evattey) August 18, 2023
ވެރިކަން ކުރާ މައި ޕާޓީގެ ރައީސްކަމުގެ މަގާމުންނާއި އެ ޕާޓީގެ މެމްބަރުކަމުގެ މަޤާމުން ރައީސް މުޙައްމަދު ނަޝީދު އިސްތިޢުފާ ދެއްވީ މިއަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޑީޕީގެ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް ނަޝީދު ވަނީ އެ ޕާޓީގެ ޗެއަރޕަސަންގެ މަޤާމުވެސް އަދާކުރައްވައިފައެވެ. އަދި ގިނަ ޕާޓީތަކެއް ވާދަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިޙާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވީ އެމަނިކުފާނު ރިޔާސީ ކެނޑިޑޭޓަކަށް ހުންނަވައިގެނެވެ.
ރައީސް ނަޝީދަށް ވަނީ މިވެރިކަމުގައި ނުރައްކާތެރި ބޮމުގެ ހަމަލާއެއް ދީ ބިމެއް ގޮއްވާލައިގެން މަރާލަން ހަމަލާއެއް ދީފައެވެ. ނަމަވެސް މިހަލާއިން ރައީސް ނަޝީދު ވަނީ ފަރުވާއަށްފަހު ސަލާމަތްވެފައެވެ. މިހަމަލާގެ އެންމެ ބޮޑު ތުހުމަތެއް ރައީސް ނަޝީދާއި އެމަނިކުފާނު އާއިލާއިން ކުރަނީ މިސަރުކާރަށެވެ.