ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ ކެމްޕޭނަށް އަރިއަތޮޅަށް ކުރައްވާ ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
އަރިއަތޮޅުގެ ރަށްތަކަށް ރައީސް ދަތުރުފުޅު ފެއްޓެވިއިރުވެސް ހުންނެވީ ވަރަށް ބޮޑަށް ރޯގާޖެހިފައެވެ. ޖަލްސާތަކުގައި ވާހަކަ ދައްކަވާއިރުވެސް އެމަނިކުފާނަށް ރޯގާގެ ސަބަބުން އެންމެ އެދެވޭ ގޮތަށް ވާހަކަ ދެއްކެވިފައިވެސް ނުވެއެވެ. މިދުވަސް ވަރަކަށް ހޫނު ގަދަ ދުވަސް ވަރަކަށްވެސް ވުމާއިވެސް އެކީ ރައީސް މިއަދު ދަތުރުފުޅު ކުރިއަށް ގެންދެވުމަށް ޑޮކްޓަރުން ހުއްދަ ނުދެއްވައެވެ.
ދެވަނަ ދައުރަކަށް ކުރައްވާ ކެމްޕޭންގައި، ރައީސް އިއްޔެ ވަނީ އއ. އަތޮޅުގެ ހަތް ރަށަކަށް ވަޑައިގެންފައެވެ. ރައީސް އިއްޔެ ވަޑައިގަތީ ތޮއްޑު އާއި ރަސްދޫ އާއި ބޮޑުފުޅަދޫ އާއި މަތިވެރި އާއި މާޅޮސް އާއި ފެރިދޫ އަދި އުކުޅަހަށެވެ.
އަދި މިއަދު އދ.ގެ އަށް ރަށަކަށް ވަޑައިގަތުމަށް އޮތީ ޝެޑިއުލްކޮށްފައެވެ. ރައީސް އިއްޔެ އއ. އަތޮޅުގެ ރަށްރަށުގައި ބޭއްވި ޖަލްސާތަކުގައި ވާހަކަ ދެއްކެވީ އާއްމުކޮށް ދައްކަވާ ވަރަށް ވުރެން ކުރުކޮށެވެ. އިއްޔެގެ ދަތުރު ތެރެއިން ވެސް އެމަނިކުފާނުގެ ހާލުކޮޅު ހުންނެވި ގޮތުން ބައެއް ރަށްރަށަށް ވަޑައިގަތުން ވެސް ލަސްކޮށްލިއެވެ.
މިއަދު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ހިމަންދޫ އާއި ހަންޏާމީދޫ އާއި ދިއްދޫ އާއި ދަނގެއްޗާއި ދިގުރަށާއި ކުނބުރުދޫ އާއި އޮމަދޫ އަދި މަހިބަދޫއަށެވެ.
ރައީސް ޞާލިހުގެ އަމާޒަކީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަހަށް ވަޑައިގެންނެވުމެވެ.