ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މަސައްކަތް ކުރައްވާ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ސިޔާސީ ގޮތުން އަރާނެ ގޮޅިއެއް ނެތިގެން ކަމަށާއި، ނަޝީދު ދައްކަވާ ވާހަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕޭންގައި ހއ.އަތޮޅަށް ކުރައްވާ ދަތުރުގައި ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޔާމީން ނުހައްގުން ޖަލަށްލައި އަނިޔާ ދެނީ ކޮން ބައެއްކަން ޕީޕީއެމް، ޕީއެންސީގެ އާންމު މެމްބަރުންނާއި ދިވެހި ރައްޔިތުންނަށް ނޯޅޭކަމަށެވެ. ރައީސް ޔާމީނަށް އަނިޔާދިނުމަށްފަހު މިއަދު ރައީސް ޞާލިހާއި ޚިޔާލް ތަފާތުވުމުން ޕީއެމްގެ އާންމު މެމްބަރުންގެ ތާއީދު ހޯދުމަށް ކިތަންމެ ވާހަކަ ދެއްކިޔަސް އެކަން ކުރި މީހުން ނޯޅޭނެކަމަށް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އަނިޔާ ދިނީ ޕީޕީއެމްގެ ލީޑަރޝިޕުންނޭ ވިދާޅުވާން ލަދެއް ނުގަނޭތޯ. ރައީސް ޔާމީނަށް އަނިޔާދިނީ ވެރިކަމުގެ މިކޯލިޝަނުން. މިކަހަލަ ތާކުނތާކު ނުޖެހޭ ވާހަކަ ދެއްކުމަށް ވުރެ މާރަނގަޅު ނޫންތޯ ގޭގައި ދެކޮޅަށް ދެބާލީސް ލައިގެން އޮތިއްޔާ. އޭރުން ތިމާދައްކާ ވާހަކައެއްވެސް ތާއީދު އޮތްވަރެއްވެސް ނޭގޭނެ ނޫންތޯ.
– ނަޝީދަށް އަމާޒުކޮށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު މިފަދަ ވާހަކަތައް މިއަދޔު ދައްކަމުންދަނީ ވެރިކަން ކުރަން އެޅި ބިންގާ ކައްޗަށް އެޅިގެން ކަމަށެވެ. ރައީސް ނަޝިދުގެ އެކުވެރިޔާއާއިި ނަޝީދު ގުޅުން ކަނޑާލަން ޖެހުނަސް މުއިއްޒުއާއި، ރައީސް ޔާމީން މަސައްކަތް ކުރައްވާނީ އެކީގައި އެއް އަމާޒަކަށް ވާސިލް ވުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ކުރީގެ ޖަލްސާއެއްގައި ރައީސް ޞާލިހާއި ގުޅޭގޮތުން ދެއްކެވި ވާހަކަ އެކި ގޮތްގޮތަށް އަބުރަމުން ދާކަމަށެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީގެ ސަރުކާރެއްގައި ނުހައްގުން އެއްވެސް މީހަކަށް އަނިޔާ ދީ ބޭއިންސާފުން ކަމެއް ނުކުރާނެކަމަށެވެ. ނަމަވެސް ޤާނޫނީ އިމުގެ ތެރެއިން ޤާނޫނާއި ޚިލާފަށް ޢަމަލުކޮށްފައިވާ މީހުންނާއި، ޤާނޫނާއި ޚިލާފް އަމަލުތައް ކުރި މީހުންނާއިމެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެކަމަށް އަދުރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޑރ.މުއިއްޒަކީ މަޑުމައިތިރި ދީނަށް ލޯބިކުރާ އޯގާތެރި ވެރިއެއް ކަމަށެވެ. މުއިއްޒުގެ ވެރިކަމެއްގައި މުޅި ރާއްޖެއަށް ހަމަޖެހުމާއި ސުލްހަ ވެރިކަން ގެނެސް ދެއްވާނެކަމަށް އަދުރޭ ވިދާޅުވިއެވެ.