ދުނިޔޭގެ ހަޔާތުގަިއ މިހާތަނަށް ދިމާވި މީހުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުހާ ކެތްތެރި މީހަކާއި ދިމާނުވާކަމަށް ރައީސް ޞާލިހު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށް ބައިއަތު ހިފާފައިވާ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހދ.ހަނިމާދޫގައި މިރޭ އެމްޑީޕީން ބޭއްވި އެއަތޮޅުގެ ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ސިޔާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ 5 އަހަރުގެ ވެރިކަމަކީ މިފަހުގެ ތާރީޙެއްގައި ދިވެހިން ދެކުނު އެންމެ އުފާވެރި ދައުރު ކަމަށެވެ. ސިޔާސީ ޚިޔާލް ތަފާތުވުންތަކާއި، ފިކުރުގެ ތަފާތުވުމަކީ ރައީސް ޞާލިހަކަށް މައްސަަލައެއް ނޫންކަމަށް ސިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެކިއެކި މީހުންނާއި ދިމާވެ، ސިޔާސީ މައިދާނުގައިވެސް ގިނަބަޔަކާއި އެކު މަސައްކަތް ކުރެވުނު ކަމަށެވެ. ނަމަވެސް މިހާތަނަށް އަދި ރައީސް ޞާލިހުހާ ކެތްތެރި މީހަކާއި ދިމާ ނުވާކަމަށެވެ. ސިޔާމް ވިދާޅުވީ ކޯލިޝަންގެ ތެރޭގައި ދިމާވާ ގޮންޖެހުންތަކާއި، ދަތިތަކާއި، ޝަކުވާތަށް ކެތްތެރި ކަމާއިއެކު އަޑުއަހައި އެއްވެސް މީހަކަށް އަދި ޕާޓީއަކަށް ދެރަގޮތެއް ނުހައްދަވައި އެކީގައި ގޮވައިގެން ގެންގުޅުމަކީ ރައީސް ޞާލިހު ނޫން ވެރިއަކަށް ވާނެ ކަމެއް ނޫންކަމަށެވެ.
އަޅުގަނޑުގެ އުމުރުން މިވީހާތަނަށް މިހާތަނަށް އިންސާނުންގެ ތެރެއިން މިހާ ކެތްތެރި ވެރިއެއް ނުފެނޭ. މިއީ ކެތްތެރި ކަމުގެ ލާމަސީލު މިސާލެއް. އެހެން ވެގެން އަޅުގަނޑުމެން ރައީސް ޞާލިހު ހޮވަންވީ.
– ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވީ ރައީސް ޞާލިހު ރިޔާސީ ދެވަނަ ދައުރަކަށް ހޮވުމަކީ ސިޔާސީ ވާދަވެރި ފަރާތްތަކަށްވެސް އޮތް އެންމެ ރަނގަޅު ގޮތްކަމަށެވެ. އެބޭފުޅުންވެސް މިހާތަނަށް ގެންގުޅުއްވި ވެރިއަކީ ރައީސް ޞާލިހު ކަމަށެވެ. ރައީސް ޞާލިހު ނޫން ވެރިއަކު އިންތިޚާބު ވެއްޖެނަމަ ޤައުމަށާއި ރައްޔިތުންނަށް އެކަމުން ގެއްލުން ވާނެކަމަށް ސިޔާމް ވިދާޅުޅުވިއެވެ.
ތިބޭފުޅުން ތިކުރައްވާ މަސައްކަތް ހުއްޓާލައްވާފަ ވަޑައިގަންނަވާ. މިނޫނީ ތިބޭފުޅުންނަށް ހެޔޮކޮށް ހިތްތެވި ވެރިއެއް ނެތް. ދެންވެސް އެކަން ކުރައްވާނީ އެމަނިކުފާނު. ތިކުރައްވާ ބޭކާރު މަސައްކަތް ހުއްޓާލާފަ ވަޑައިގަންނަވާ.
– ސިޔާމް ވިދާޅުވިއެވެ.
ސިޔާމް ވަނީ ރައީސް ޞާލިހާއި ވާދަވެރި ފަރާތްތަކަށް އެކޯލިޝަނާއި ގުޅުމަށް ދައުވަތު ދެއްވާފައެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތްތައް ހުއްޓާލައްވައި ރައީސް ޞާލިހާއިއެކު އިތުރު ދައުރެއް ހޯދުމަށް މަސައްކަތް ކުރުމަށް ސިޔާމް ވަނީ ގޮވާލާފައެވެ.