ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނެވޭނީ ތަފާތު ކުރުމެއް ނެތި ހުރިހާ ރަށަކަށް ކަންތައްތައް ކޮށްދީގެން ކަމަށާއި ވަކި ރަށަކަށް ނުވަތަ ވަކި ބަޔަކަށް ކަމެއް ކޮށްދީގެން ރާއްޖެ އަށް ބަދަލެއް ނާންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ށ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނަރުދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ އަރާ ވަޑައިގަންނަވާ ކޮންމެ ރަށަކުން އެމަނިކުފާނަށް ފެނިވަޑައިގަންނަވަނީ ބަދަލު ގެނައުމަށް ކުރާ މަސައްކަތް ކަމަށެވެ. އަދި ކުރިއަށް އޮތް ތިނެއް ނޫނީ ހަތަރު އަހަރު ތެރޭގައި ރާއްޖެ ބަދަލުވެގެންދާ މަންޒަރު ފެނިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައެއް މިސާލުތައް ނަންގަވައި ރައީސް ވިދާޅުވީ ރާއްޖޭގެ 141 ރަށެއްގައި މިއަދު ފެނާއި ނަރުދަމާގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. މި ސަރުކާރުގައި މިހާތަނަށް 52 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި 42 ރަށެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ޕްލޭން ކުރެވިފައިވާ އީއައިއޭގެ ސްޓޭޖްގައި އޮތް 31 ރަށާއެކު ރާއްޖޭގެ 125 ރަށެއްގެ ލަފާ ފުރުމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ބިން ބޮޑުކުރަން ޖެހިފައިވާ ގިނަ ރަށްތަކެއް އެބަހުރި ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިހާތަނަށް ބިން ހިއްކުމުގެ އަށް މަޝްރޫއުއެއްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި 13 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަށް ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތަށް ސޮއި ކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބިން ހިއްކުމުގެ މަސައްކަތް ފެށުމަށްޓަކައި ސޮއި ކުރުމަށް ތައްޔާރުވަމުންދާ ރަށްތަކުގެ ތެރޭގައި ށ. އަތޮޅުގެ ތިން ރަށް ހިމެނެއެވެ.
ރައީސް ވިދާޅުވީ ނަރުދޫއަކީ ކުޑަ އާބާދީ އޮންނަ ރަށަކަށް ވާތީ ކުރީގެ ސަރުކާރުތަކުން އެ ރަށް އެކަށީގެންވާ ގޮތުގައި ބަލައި ނުގަންނަ ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނަރުދޫގައި ހިންގާފައި އޮތީ އެންމެ ދެ މަޝްރޫއު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އުމްރާނީ އަދި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް މަޝްރޫއުތައް ހިންގަވަން ޖެހިވަޑައިގަތް ކަމަށް ރައީސް ވިދާޅުވިއެވެ.