އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓު އަލުން އިސްލާހުކުރަން އަންގައިފި

އުވާލަން ނިންމި ޖަމިއްޔާތަކުގެ ލިސްޓު އަލުން އިސްލާހުކުރަން އަންގައިފި

Author
ހުސެއިން
27 ޖުލައި 2023 10:35
0

ލިޔެކިޔުން ހަމަނުވާތީ 1،989 ޖަމުޢިއްްޔާއެއް އުވާލުމަށް އިތުރު ފުރުސަތެއް ދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އެންގި އެންގުން ބަދަލުކޮށް ލިސްޓު އަލުން އިސްލާހުކުރުމަށް އަންގާފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ވިދިވިދިގެން 2 އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ ނުވަތަ ހިންގާ ކޮމެޓީ ރަޖިސްޓްރީ ކޮށްފައި ނުވާތީ 1،989 ޖަމިއްޔާ އުވާލުމަށް ނިންމާފައިވާ ކަމުގައެވެ.

އެހެންނަމަވެސް މި ލިސްޓު އާންމު ކުރިއިރު، ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ހިމެނޭ މަޝްހޫރު ބައެއް ޖަމިއްޔާތަށްވެސް ހިމެނެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫންގެ މައުމޫން ފައުންޑޭޝަންގެ އިތުރުން ދީނީ މައުލޫމާތު ދޭ ޖަމިއްޔާއެއް ކަމުގައިވާ ސަލަފް ޖަމިއްޔާވެސް ހިމެނެއެވެ.

މިލިސްޓަށް އާންމުގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖަމުޢިއްޔާތައް އުވާލަން އާއްމުކޮށްފައިވާކަން އޭނާއަށްވެސް ފެނުނީ ނޫސްތަކުން ކަމުގައެވެ.

އަދި އޭގެތެރޭގައި ޖަމުޢިއްޔާތަކުގެ ރަޖިސްޓްރާގެ ދަށުގައި ނުހިމެނޭ ބައެއް ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކާއި ބައެއް ކުޅިވަރު ކްލަބްތައް ހިމެނޭ ކަމަށްވެސް މަހުލޫވިދާޅު ވެފައިވެއެވެ. އޭގެ އިތުރުން ހަރަކާތްތެރިކޮށް ފެންނަ ބައެއް ޖަމުޢިއްޔާތައްވެސް ލިސްޓުގައި ހިމެނޭކަމަށް ވިދާޅުވަމުން މަހުލޫފު ވިދާޅުވެފައިވަނީ، މިކަމާއި ގުޅިގެން ބައެއް ފަރާތްތަކުގެ ކަންބޮޑުވުން ލިބިފައިވާކަމުގައެވެ.

އެގޮތުން މިކަންކަން ބަލާ ލިސްޓު އަލުން ރަނގަޅުކުރުމަށް އެދިފައިވާނެ ކަމަށް މަހުލޫފު ވިދާޅުވެފައި ވެއެވެ.

މިއަދު ޔޫތު މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވަނީ، މި ޖަމްޢިއްޔާތަކުގެ ތެރެއިން ޖަމްޢިއްޔާއެއް އުވާލުން ހުއްޓުވައިދިނުމަށް އެދޭ ޖަމިއްޔާތަކުން، އެ ޖަމްޢިއްޔާގެ މެންބަރަކަށް ނުވަތަ މަޞްލަޙަތު އޮތް ތިންވަނަ ފަރާތަކަށް ޖަމްޢިއްޔާތަކުގެ ރަޖިސްޓްރާރ އަށް ލިޔުމުން ހުށަހެޅުމުގެ ފުރުޞަތު 24 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އިންއެކްޓިވް ޖަމިއްޔާތައް އުވާލުމަށް ނިންމައި ޔޫތު މިނިސްޓަރީން އެޖަމުޢިއްޔާތަކުގެ ލިސްޓު އާއްމުކޮށްފައި މިވަނީ އެ ޖަމުޢިއްޔާތަކަށް ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި މިދިޔަ އަހަރު ޑިސެމްބަރު މަހުވެސް އިތުރު ފުރުސަތެއް ދިނުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިހޮއްކޮ
އެކި ޕާރޓީ ލައިގެން ކޮލިޝަން ހެދީމާ ތިޔަހެންވެސް ވާނެއެވެ.