ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ލިބެންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕޭނު މެނޭޖަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީއާއި އެމްއާރްއެމް އިން މިއަދު މ.ކުނޫޒްގައި ބޭއްވި ރަސްމީ ބައްދަލުވުން ނިންމާލުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އަދުލު އިންސާފު ލިބުމަކީ މުހިއްމު ކަމެއް ކަމަށާއި އަދުލު އިންސާފު ލިބުމުގައި ހަމަހަމަކަން އޮންނަން ޖެހޭނެ ކަމަށެވެ. އެ އުސޫލުން ރައީސް ޔާމީން އަށް ވެސް އަދުލު އިންސާފުގެ ހަމަހަމަކަން ލިބެން ޖެހޭނެކަމަށް އަމީން ވިދާޅުވިއެވެ.
ޔާމީންގެ އާއިލާގެ ބޭފުޅުންނާ އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އެމަނިކުފާނަށް އިންސާފެއް ނުލިބޭ ކަމަށް ބުނާ ކަމަށާއި އެކަން އެގޮތަށް އޮތް ކަމަށްވާނަމަ އެ ފަރާތްތަކުގެ އަޑުއެހުމަކީ މުހިއްމު ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޔާމީނަށް އިންސާފު ނުލިބޭ ނަމަ އެމަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ގޮވާލަން ޖެހޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން އިއްޔެ ވަނީ ކެންޑިޑެސީ ފޯމުގައި ސޮއިކުރައްވާފަ އެވެ.
ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. އެ ހުކުމުގެ އިސްތިއުނާފް ޝަރީއަތްތައް ހައިކޯޓުގައި ފެށިގެން ކުރިއަށްދިޔަ ނަމަވެސް މައްސަލަ ބައްލަވާ ބެންޗުގައި އިންނަވާ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމުން އެ މައްސަލަ މިހާރު ވަނީ މަޑުޖެހިފަ އެވެ.
އިދިކޮޅުން ވަނީ ޔާމީނަށް އިންސާފު ލިބެންދެން ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރުމަށް ވެސް ގޮވާލާފަ އެވެ.