ކުރީގެ ރައީސް ޔާމީންގެ މައްޗަށް އެންމެ ފުރަތަމަ އުފުލި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާގެ އިސްތިއުނާފްގެ ހުކުމް އިއްވި ދުވަހު ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ދެން ތިއްބެވި ފަނޑިޔާރުން ފަރިކުޅުއްވި މައްސަލަ ޖޭއެސްސީން ބެލުމަށްފަހު އެ މައްސަލާގައި ތުހުމަތޔ ކުރެވިފައިވާފަދަ މައްސަލައެއް ނެތްކަމަށް ޖޭއެސްސީން ނިންމައިފިއެވެ.
މިމައްސަލާގައި ޖޭއެސްސީން ކުރިޔަށް ގެންދަޔަ ތަހުގީގާއި ގުޅޭގޮތުން އެކޮމިޝަންއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ބެއްލެވި އިސްތިޢުނާފަކާމެދު އެ ކޯޓުން ޙުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިޢުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅަކާ، އެ ޝަރީޢަތް ހިންގެވުމުގައި ބައިވެރިވެވަޑައިގެންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަޙާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ހިންގި ތަޙުޤީޤަށް ހޯދުނު މަޢުލޫމާތާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ސާފުކޮށްދެއްވާފައިވާ ޙަޤީޤަތްތަކަށް ރިޢާޔަތްކުރާއިރު، އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ ފަދަ ކަމެއް ހިނގާފައި ނުވާކަން ފާހަގަވާތީ، އެ މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް، މިއަދު ބޭއްވި މިކޮމިޝަންގެ މި އަހަރުގެ 48 ވަނަ ޖަލްސާގައި ނިންމާފައި ވާކަމުގައެވެ.
ޖޭއެސްސީން އޭނާގެ މައްސަލަ ބަލަން ފެށުމާއެކު، އޭނާ އެދިވަޑައިގެންނެވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަށެވެ.
ސުލޫކީ މައްސަލައިގެ އަޑުއެހުންތައް ހުޅުވާލައިގެން ކުރިޔަށް ގެންގޮސްދިނުމަށް ފަނޑިޔާރު މަހާޒް އެދިވަޑައިގެންފައިވަނީ، އޭނާގެ ސުލޫކީ މައްސަލައެއް ތަހުގީގުކުރަން ފެންނަކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލައިފައިވާކަން ޖޭއެސްސީން ހާމަ ކުރުމާއެކު، އަމިއްލަފުޅު ޓުވިޓަރ ހޭންޑްލްގައި އޭރު އާންމު ކުރެއްވި ސްޓޭޓްމަންޓެއްގައެވެ.
އެ މައްސަލާގައި މަހާޒު އާންމުކުރެއްވި ސްޓޭޓްމަންޓުގައި އޭނާ ވިދާޅުވެފައިވަނީ، ކޯޓުގެ އަޑުއެހުންތައް ދިގުލައިގެން ދާތީ، މައްސަލަ އޮންނަ ކޮންމެ ދުވަހަކުވެސް މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު މެންދުރު ކާން އަމިއްލަ ޚަރަދުގައި އެއްޗެއް ގެންނަ ކަމަށެވެ.
އެގޮތުން ދައުރުވަމުން އައިސް ނޮވެމްބަރު 30ވަނަ ދުވަހު ތަނަކަށް އޯޑަރު ކޮށްގެން ކާއެއްޗެއް އޭނާ ގެންވި ކަމަށާއި، އެއީ ރިސެސްގެ ކުރިން ހުރިހާ ފަނޑިޔާރުންނާއި އެންމެ ފަހުން އެއްތަނަކުން ދިމާވާނެ ފަހު މަސައްކަތު ދުވަސް ކަމުގައިވާތީ ހުރިހާ ފަނޑިޔާރުންނަށް އަމިއްލަ ޚަރަދުގައި މެންދުރު ކާން ދެއްވި ކަމުގައެވެ. އަދި ކޭން ބެއްލެވިއިރު ކާތަކެތި ގެނެސްފައިވަނީ ކޮންތަކުންކަން ހުރިހާ ފަނޑިޔާރުންނަށްވެސް އެގޭނެކަމަށާއި، ހުރިހާ ފަނޑިޔާރުންވެސް ކޭން ބެއްލުވުމަށްފަހު ކާއެއްޗެހި މީރުވާހަކަ ވިދާޅުވި ކަމަށެވެ.
އޭގެ އިތުރުން މަހާޒު ވިދާޅުވެފައިވަނީ ކެއުމުގެ އިންތިޒާމް ހިމެނޭހެން މާދަމާ ޝަރީއަތް އޮންނަނަމަ މިރޭ މާދަމާގެ ހުރިހާކަމެއް އޮންނާނީ ދުރާލާ ނިމިފައިކަމަށާއި އެކަމަކީ ސިއްރިޔާތުގައި ކޮށްފައިވާ ކަމެއް ނޫންކަމުގައެވެ.
މަހާޒު ވިދާޅުވީ އެދުވަހު ކާއެއްޗެހި ގެނެސްފައިވާނީ އަމިއްލަ ޚަރަދުގައި ކަމަށާއި ކާއެއްޗިއްސަ ފައިސާ ދެއްކެވި ސްލިޕްވެސް އޮތްކަމަށާއި ކާއެއްޗިއްސަކީ ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެވި ނޫންކަމަށެވެ.
މިގޮތުން، އެދުވަހު ކަން ހިގައިދުތަ ގޮތް ކިޔައިދެއްވަމުން މަހާޒުގެ ޓުވިޓަރ ސްޓޭޓްމަންޓުގައި އޭނާ ވިދާޅުވީ ކެއުމަށް ގެނެސްފައިވަނީ ވަކި ޚާއްސަ އެއްޗެއް ނޫންކަމަށާއި، އަމިއްލައަށް އޯޑަރު ދިނުމުން، ދިންފަރާތުން އޭނާއަށް ގުޅުއްވާނެތީ އެތަނުގެ ނަމްބަރު އިދާރީ ކުއްޖަކަށް އެތަނުގެ ނަންބަރު ދެއްވި ކަމަށެވެ.
ސުޕްރިމް ކޯޓުގެ ފަނޑިޔާރު މަހާޒްގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާކަން ހާމަކުރުމަށް ޖޭއެސްސީން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަކާމެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އެ އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅު، އެ ޝަރީއަތް ހިންގުމުގައި ބައިވެރިވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު ޙަވާލުވެވަޑައިގެންފައިވާކަމަށް ބުނާ މައްސަލައެއް ފަނޑިޔާރު އަލްއުސްތާޛު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފެންނަކަމަށް އެ ކޮމިޝަނުން ނިންމައި އެ މައްސަލައިގެ ތަހުގީގު ކޮމިޓީ އެކުލަވާލީ ކަމުގައެވެ.