މިދިޔަ ނޮވެމްބަރު މަހު އެކަނިވެސް ރާއްޖެއަށް 35 ހާހަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޯވިޑް-19އާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ޖުލައިމަހުގެ 15 ގައި ހުޅުވިފަހުން ފަތުރުވެރިކަން ރަނގަޅުވަމުން އަންނަކަމަށް ސަރުކާރުން ހާމަކުރައްވައެވެ. އެގޮތުން އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައި މިދިޔަ މަހު އެކަނިވެސް 35،759 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިދިޔަ މަހު އެވްރެޖުކޮށް 1،192 ފަތުރުވެރިން އައިސްފައިވާއިރު، އެއީ އޮކްޓޫބަރު މަހާއި އަލާބަލާއިރު %72 އިތުރުވުމެކެވެ. މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިދުވަހު 2،299 ފަތުރުވެރިން އައިސްފައިވާކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަދި އެންމެ ގިނަ ފަތުރުވެރިން މިދިޔަ މަހު އައިސްފައިވާކަމަށް ދައްކަނީ ރަޝިއާއިންނެވެ. އެގޮތުން އެޤައުމުން 8،581 ފަތުރުވެރިން އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އިންޑިއާއިން 7،610 މީހުން ރާއްޖެ އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސި ވިލާތުން 2،093 ފަތުރުވެރިން އައިސްފައިވެއެވެ.
Tourist arrivals increased by 66% in November 2020.
Detailed statistics: https://t.co/3IJwYWPKWj pic.twitter.com/Ak7vqhJDV9
— Maldives Immigration (@ImmigrationMV) December 4, 2020
ރައްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުވަމުން އަންނައިރު ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މަޢުޞޫމް ވިދާޅުވީ، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް 1 ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާކަމަށެވެ. އަދި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ހާލަތުގައި ރާއްޖޭގ ބޯޑަރުތައް ހުޅުވާލީ ދުނިޔޭގެ އެހެން ގިނަ ޤައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި އެފަދަ ހާލަތެއްގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައިގެން ރާއްޖެއަށް ފަތުުރުވެރިން އަންނާނެކަމާއި މެދު ގިނަ ބަޔަކު ސުވާލުތައް އުފެއްދިއެވެ.
އެހެން ނަމަވެސް ސަރުކާރުގެ މަސައްކަތްތައް އެފަދަ ފާޑު ކިޔުންތަކަށް ބެލުމެއް ނެތި ކުރިއަށް ގެންދިޔައެވެ. އަދި ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދާއި ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދުތައް މަޑުމަޑުން އިތުރުވާން ފެށިއެވެ.ސަރުކާރުން ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށްފަހު އަމާޒު ހިފީ ރާއްޖެއަށް މިއަހަރު ނިމޭއިރު ފަސް ލައްކަ ފަތުރުވެރިން ގެނައުމަށެވެ. މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މާޗުމަހުގެ ތެރޭ ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ހަމައަށް ރާއްޖެއަށް އައިސްފައިވަނީ 382760 ފަތުރުވެރިންނެވެ.
ކޮމެންޓު ފޮނުވާ