100 ބައިވެރިންނާއެކު އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

100 ބައިވެރިންނާއެކު އާބަންކޯ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފި

Author
މުޙައްމަދު ޝަޒައިމް
17 ޖުލައި 2023 06:48
0

އާބަންކޯ 6 ވަނަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމް ފެށުމަށް ހުޅުމާލޭ ޝްވެކް ސިނަމާގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ، އެމް.އައި.ޓީގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމް، އަދި އާބަންކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހްމަދު އާތިފް ބައިވެރިވެވަޑައިގެންނެވިއެވެ.

އާބަންކޯ އިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކަނޑައެޅިފައިވާ ދާއިރާތަކުން ފަންނީ އަދި ޤާބިލް މީހުން ބިނާކުރުންކަމަށް އެކޯރޕަރޭޝަނުން ބުނެއެވެ. އަދި ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުޞަތުތަކެއް ހުޅުވަލައި، ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި މަސައްކަތުގެ މާހައުލުގައި ބިނާކުރަނިވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުންކަމަށް އާބަންކޯ އިން ބުނެއެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި 100 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ދީފައެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. އަދި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ޙާޞިލުކުރުމާއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އާތިފް ވިދާޅުވީ، މަސައްކަތު ދާއިރާއިން 3000 ޒުވާނުން ތަމްރީންކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގައި އެ ކޯރޕަރޭޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. އަދި ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ޒުވާނުން ބިނާކޮށް ޒުވާނުންގެ ކުރިއެރުމަށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްދޭން އެ ކޯރޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރާނެކަމަށް އާތިފް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި 11 ދާއިރާއަކުން ބައިވެރިން ތަމްރީން ކުރެވޭނެކަމަށް އާބަންކޯ އިން ބުނެއެވެ. އޭގެ ތެރޭގައި ހެވީ ވެހިކަލް، ވެލްޑިންގ، ގާރޑަނިންގ، ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް، އިންވެންޓްރީ މެނޭޖްމަންޓް، ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިން ހިމެނެއެވެ. އަދި ހައުސްކީޕިންގ، ފްރަންޓް އޮފީސް ސަރވިސަސް، ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން، ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަންގެ ދާއިރާވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އާބަންކޯ އިން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަޓް އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް "ކޯވިޑް-19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް"ގެ އެހީއާއެކު ހިންގާ ޕްރޮގްރާމެކެވެއެވެ.

ވަޒީފާގެ ބާޒާރުގައި އަޅުގަނޑުމެންގެ ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.