"ކޯޓަށް ފަރިތަ" ކެމްޕޭން އުއްތަމަ ފަނޑިޔާރު ލޯންޗު ކޮށްދެއްވައިފި

"ކޯޓަށް ފަރިތަ" ކެމްޕޭން އުއްތަމަ ފަނޑިޔާރު ލޯންޗު ކޮށްދެއްވައިފި

Author
ހުސެއިން
16 ޖުލައި 2023 09:12
0

"ކޯޓަށް ފަރިތަ" ނަމުގައި އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕޭން އުއްތަމަ ފަނޑިޔާރު އިފްތިތާހު ކޮށްދެއްވައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ބުނެފައިވަނީ މި ކެމްޕޭނަކީ ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ކޯޓުތަކާއި ގުޅުންހުރި މައުލޫމާތު އާންމު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ސިލްސިލާކޮށް ހިންގުމަށް ހަމަޖެހިފައިވާ ކެމްޕޭނެއް ކަމުގައެވެ.

މި ކެމްޕޭން ލޯނޗު ކޮށްދިނުމަށްފަހު އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ "ކޯޓަށް ފަރިތަ" ހޭޝް ޓެގާއެކު މި ތައާރަފް ކުރެވުނު ކެމްޕޭނަކީ ބޭނުންތެރި މުހިންމު މަސައްކަތެއް ކަމުގައެވެ. އަދި ފަނޑިޔާރުންގެ އެންމެ މުހިންމު ޒިންމާއަކީ ކޯޓުތަކުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުންކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޯޓުތަކުން ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތްތަކާއި ގުޅުންހުރި ފުރިހަމަ މައުލޫމާތު ފޯރުކޮށް ދިނުމަކީވެސް މުހިންމު ކަމެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާ، ދެއްކެވި ވާހަކަފުޅުގައި، މިއަދު ފެށިގެންދިޔަ ކެމްޕޭންގެ ސަބަބުން ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށް ދިނުމުގައި ލުއިފަސޭހަކަން ގާއިމް ކުރެވިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިއަދު ލޯންޗު މިކުރެވުނު ކެމްޕޭނަކީ، އެމެރިކަން ބާ އެސޯސިއޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގުޅިގެން ކުރިޔަށްގެންދާ ކެމްޕޭނެކެވެ. މި ކެމްޕޭން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، ކޯޓުތަކާއި ގުޅޭ މަޢުލޫމާތާއި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށްޓަކާ ސިލްސިލާ ކެމްޕޭނެއްގެ ގޮތުގައެވެ.

މިއަދު ލޯންޗުކުރެވުނު މި ކެމްޕޭނުގެ ޒަރިއްޔާއިން ކޯޓުތަކާއި ގުޅޭ މައުލޫމާތާއި، ކޯޓުތަކުން އާންމުންނަށް ފޯރުކޮށްދޭ ހިމަތްތަކުގެ މައުލޫމާތުގެ އޮތުރުން، ހިދުމަތްތައް ލިބިގަތުމުގައި އަމަލުކުރަންޖެހޭ ގޮތްތައްވެސް ހާމަކޮށްދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.