ގދ ތިނަދޫ ގަބުރުސްތާނުގެ މަހާނައެއް ކައިރީތިބެ ބަޔަކު ސިހުރުހެދި ކަމަށާއި އަދި އެކަމުގެ ވީޑިއޯއާއި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވިކަމަށް ބުނެ "ގާފު" ނަމަކަށް ކިޔާ އޮންލައިން ނޫހަކުންް ރިޕޯރޓް ކޮށްފައިވަނިކޮށް، ސިހުރު ހެދިކަމަށް ބުނާ ފަރާތުން އެވާހަކަ ދޮގު ކޮށްފިއެވެ. އަދި، ސުހުރު ހެދިކަމަށް ބުނާ މިވާހަކައަކީ، ނުހަނު ސީރިއަސް ކަމަކަށްވެ، އޭގެ ސަބަބުން ރައްޔިތުންގެ މެދުގައި ހާސްކަމާއި ބިރުވެރިކަން އުފެދިފައިވާތީ، މި ނޫހުން މިކަމުގެ ހަގީގަތް ހޯދުމަށް ކުރެވުނު މަސައްކަތުން، މިފަދަ އެއްވެސް ކަމެެއް ހިނގާފައި ނުވާކަންވެސް ވަނީ ޔަގީން ކުރެވިފައެވެ.
މީހަކު ގދ. ތިނަދޫ ގަބުރުސްތާން ތެރޭގައި ސިހުރު ހެދުމުގައި ހަރަކާތްތެރިވިކަމަށް ބުނާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާކަމަށް އެ އޮންލައިން ނޫހުން ރިޕޯރޓް ކޮށްފައިވާތީ، އެފަދަ އެއްވެސް ވީޑިއޯއެއް ނުވަތަ ފޮޓޯއެއްވެސް ލިބޭތޯ މި ނޫހުން ވަނީ މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ސިހުރު ހަދަނިކޮށް ނަގާފައިވާ އެއްވެސް ފޮޓޯއެއްވެސް އަދި ވީޑިއޯއެއްވެސް މިހާތަނަށް ލިބިފައި ނުވާކަން ފާހަގަކުރެވެއެވެ.
ސޯޝަލް މީޑިއާގައި މި ޚަބަރު ވައިރަލް ވުމުން ގިނަ ބަޔަކު އެ ވީޑިއޯތައް ކޮބައިތޯ އާއި ހިއްސާ ކުރުމަށް އެދި ސޯޝަލް މީޑިއާގައި ކޮމެންޓް ކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެެހެން ނަމަވެސް ގަބުރުސްތާން ތެރޭގައި ސިހުރު ހަދަނިކޮށް ނަގާފައިވާ އެއްވެސް ވީޑިއޯއެއްވެސް އަދި ފޮޓޯއެއްވެސް މިހާތަނަށް ހާމަވެފައެއް ނުވެއެވެ.
އޭގެ އިތުރުން، ސިހުރު ހެދިކަމަށް ބުނެ، މި މަންޒަރު ދުއްކަމަށް އަދި ވީޑިއޯ ކުރިކަމަށް ބުނާ ފަރާތާއި، ތުހުމަތު ރައްދުވާ ފަރާތުން ސުވާލުކުރުމުން، އެފަރާތްތުން ބުނެފައިވަނީ މީހަކު ގަބުރުސްތާން ތެރޭގައި ހަރަކާތްތެރިވާ ފޮޓޯއެއް ނެގިކަމަށާއި އެހެންނަމަވެސް ކައިރިއަށް ގޮސް ބެލިއިރު ސިހުރާއި ގުޅޭ ޒާތުގެ ކަމެއް ފާހަގަ ކުރެވިފައި ނުވާކަމުގައެވެ.
މީހަކު ގަބުރުސްތާނު ތެރޭގައި ހަރަކާތްތެރިވާތީ ފޮޓޯ އެއް ނެގިން. ކައިރިޔަށް ގޮސް ބެލި އިރު ނެތް މާ ބޮޑު ކަމެއް ފާހަގަ ކުރެވެން. ނަމަވެސް ބައެއް ކަހަލަ ސާމާނު ހުރި.
ސިހުރު ހަދަނިކޮށް ވީޑިއޯ ކުރިކަމަށް ބުނާ ފަރާތާއި ސުވާލުކުރުމުން އެ ފަރާތުން ބުނެފައި ވެއެވެ.
ހަމައެއާއެކު، ސިހުރު ހެދިކަމަށް ބުނެ އަޑު ފަތެރިގެން ދިއުމުން، މިހާދިސާއާއި ގުޅޭގޮތުން "ޚަބަރު އޮންލައިން"އިން އިތުރަށް ހޯދި ހޯދުމުން އެނގުނު ގޮތުގައި އެއީ ޝަރުޢީ ރުޤްޔާ ކުރުމުގެ ތެރެއިން ކުރިޔަށްދިޔަ ކަމެއްކަމަށާއި، އަދި އެއީ ރުޤްޔާކުރުމުގެ ގޮތުން މީހަކު ހަވާލު ކުރިކަމެއްކަން މިނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ސިހުރު ހެދުމުގެ ގޮތުން އެއްވެސް ކަމެއް އެ ގަބުރުސްތާނުގައި ހިނގާފައި ނުވާކަންވެސް ޔަގީން ކުރެވިފައި ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރުޤްޔާ ކުރަމުން ދަނީ މާލޭގައި ދިރިއުޅެމުންދާ ދެމަފިރިއަކާއި ކުދިންނަށް ސިހުރުގެ ބޮޑެތި އުދަނގޫތަކެއް ކުރިމަތިވެގެންކަންވެސް މިނޫހަށް ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ސިހުރުގެ އުދަނގޫ ކުރިމަތިވި ފިރިހެން މީހާއަކީ ކުރީގައި ގާޒީކަންކުރި އަދި ފަހުން ވަކީލްކަން ކުރި ގާނޫނީ ވަކީލެއްކަންވެސް ވަނީ އެނގިފައެވެ.
މި ކަމާއިގުުޅޭގޮތުން، ބައެއް މީޑިއާތަކުން ތިނަދޫ ކައުންސިލުގެ ކައުންސިލް ރައީސް ސައުދު އަލީ އާއި ސުވާލުކުރުމުން އޭނާ ވިދާޅުވެފައިވަނީ، އެފަދަ އެއްވެސް ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ރަސްމީ ސިފައެއްގައިވެސް އަދި ނުރަސްމީ ސިފައެއްގައިވެސް ކައުންސިލަށް ލިބިފައިނުވާ ކަމުގައެވެ. އަދި އެފަދަ ކަމަކާއި ގުޅޭ މައްސަލައެއް ފުލުހުންގެ ފަރާތުންވެސް ރަސްމީ ސިފައެއްގައިވެސް އަދި ނުރަސްމީ ސިފައެއްގައިވެސް ކައުންސިލަށް ހިއްސާކޮށްފައިނުވާ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ތިނަދޫ ކައުންސިލް ރައީސް އިތުރަށް ވިދާޅުވީ ޝަރުޢީ ރުޤްޔާގެ ގޮތުގައި ކުރާ ކަންތަކެއް ހުންނާނެ ކަމަށާއި، ލޮލަށް ފެންނަ ކޮންމެ ކަމަކީ ފަންޑިތަ ސިހުރުކަމަށް ހަދައި ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ފެތުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމުގައެވެ. އަދި އެއީ އޭގެ ސަބަބުން މުޖުތަމަޢުގެެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭނެ ކަންތައްތަކެއް ކަންވެސް އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
މީގެ އިތުރުން ތިނަދޫ ކައުންސިލް ރައީސް ގަބުރުސްތާނަށް ވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަވެސް އޭނާ ވަނީ ދޮގު ކުރައްވާފައެވެ. އެހެންކަމުން އެފަދަ ވާހަކަތައް ނޫސްތަކުންވެސް އަދި އަމިއްލަ ފަރުދުންވެސް ނުފެތުރުމަށްވެސް ކައުންސިލް ރައީސް ސައުދު ނަސޭހަތްތެރިވެފައި ވެއެވެ.
ރުޤްޔާ ކުރި ފަރާތާއި "ޚަބަރު އޮންލައިން"އިން ގުޅާލުމުން އެ ފަރާތުންވެސް ވަނީ ސިހުރު ހެދިކަމަށް ދެކެވޭ ވާހަކަތައް ދޮގު ކޮށްފައެވެ. އަދި އެފަދަގޮތަކަށް ޚަބަރު ފެތުރިގެން ދިއުމަކީ އެފަރާތުގެ އާއިލާއިންވެސް ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، އެފަދަ ގޮތަކަށް ހަބަރުތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށްވެސް އެދިފައިވެއެވެ.
އަދި "ގާފު" ނަމަކަށް ކިޔާ އޮންލައިން ނޫހަކުން މި ޚަބަރު ފަތުރާފައިވަނީ މުޖުތަމައުގެ އަމަން އަމާންކަމާއި ސުލްޙަމަސަލްކަން ގެއްލުވާލައި ފިތުނައާއި ހަސަދަވެރިކަން މުޖުތަމައުގައި އަށަގެންނެވުމަށްކަމަށް ފާހަގަކޮށް، މިފަދަ ސީރިއަސް ވާހަކަތަކަކީ އޭގެ ސަބަބުން އިޖުތިމާއީ ބޮޑެތި ދެބަސްވުންތައް އުފެދި ހަމަނުޖެހުން އުފެދުމުގެ ފުރުސަތު ބޮޑުވެދާނެ ވާހަކަތަކެެއް ކަމަށްވެސް އެފަރާތުން ބުނެފައި ވެއެވެ.
ތިނަދޫ ގަބުރުސްތާން ތެރޭގައި މީހަކު ހަރަކާތްތެރިވާތަން ފެނިގެން، ސިހުރު ހެދިކަމަށް ބުނެ އެވާހަކަ ފަތުރާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރުގެ ގާތް ފަރާތެއްކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ