ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޢަބްދުލް ޣަފޫރު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ ކަރެކްޝަނުން ދީފިއެވެ.
އަދީބު ރާއްޖޭން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނީ އަދީބުގެ މެޑިކަލް ލިޔުންތަކަށް ބެލުމަށް ފަހު މެޑިކަލް ބޯޑުން ލަފާ ދިނުމުންނެވެ. ކަރެކްޝަނުން ބުނީ އަދީބު ފުރާނަމަ އެކަން ކަރެކްޝަނުން އަންގާނެކަމަށެވެ. އެނގިފައިވާ ގޮތުގައި އަދީބު ބޭސްފަރުވާ އަށް ފުރަނީ ސިންގަޕޫރަށެވެ.
އަދީބު ވަނީ ދާދި ފަހުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ވެސް ހޯދައިފައެވެ. އޭނާ ހޮސްޕިޓަލުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ޙުކުމެއް އިއްވައި 2 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރީ 5 އޮކްޓޫބަރު 2020 ވަނަ އަހަރުއެވެ. އަދި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ޙުކުމުގައިވެއެވެ. ނަމަވެސް އަދީބު އެ ފައިސާ ދައްކާފައެއް ނުވެއެވެ.
އެ ފައިސާ ހޯދަން ބަންޑާރަ ނާއިބުގެ އޮފީހުން އަދީބާ ދެކޮޅަށް މިހާރު ވަނީ ސިވިލް ކޯޓުގައި ދަޢުވާ އުފުލާފައެވެ. ނަމަވެސް އަދި ޙުކުމް އިއްވާފައެއް ނުވެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ޢަދީބުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދަޢުވާއާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ދެ ދަޢުވާއާއި މަނީލޯންޑަރކުރުމުގެ ދެ ދަޢުވާގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ ހިމެނޭހެން ޖުމަލް ހަތް ދަޢުވާއެވެ. މިހުރިހާ ދަޢުވާއަކަށް އަދީބުގެ މައްޗަށްވަނީ 20 އަހަރުގެ ޖަލު ޙުކުމް އިއްވާފައެވެ. އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދަޢުވާއާއި ގުޅިގެން ދައުލަތާއި އަދީބާ ދެމެދު އިޢުތިރާފްގެ އެއްބަސްވުމެއް ޤާއިމްކުރުމުން އަދީބުވަނީ ހުރިހާ ދައުވާތަކަށް ކޯޓުގައި އެއްބަސްވެފައެވެ.
އަދީބު ޖަލަށްލާން ހުކުމް ކުރިނަމަވެސް، ބަލި ޙާލަތަށް ރިޔާޢަތްކުރައްވާ ގޭބަންދަށް އޭނާ ވަނީ ބަދަލުކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ