ނަދީމް މަރާލުމުގެ ދައުވާކުރާ މީހުން ބަންދުކުރަން ދައުލަތުން އެދިއްޖެ

ނަދީމް މަރާލުމުގެ ދައުވާކުރާ މީހުން ބަންދުކުރަން ދައުލަތުން އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2023 08:38
0

މީގެ ހައެއްކަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުވާކުރާ މީހުން ބަންދުކޮށްދިނުމަށް ދައުލަތުން ހައި ކޯޓުގައި މިއަދު އެދެފިއެވެ.

2017 ވަނަ އަހަރު ޖުލައި މަހުގެ 27 ވަނަ ދުވަހުގެރޭ އިރާކޮޅު ލޮނުޒިޔާރަތްމަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އިންދައި، މޫނު ނިވާކޮށްގެންތިބި ބަޔަކު ކެފޭތެރެއަށްވަދެ ވަޅިން ޙަމަލާދީ މަރާލާފައިވަނީ ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުއްރަޙްމާނެވެ. އޭނާ މަރުވެފައިވަނީ ވަޅިން ހަމާލާދިނުމާގުޅިގެން ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.

ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ. އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލިއެވެ.

މި މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ މި މީހުން މިނިވަންކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު 14 ވަނަ ދުވަހުއެވެ. ދައުލަތުން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރީ މިއަހަރުގެ ޖެނުއަރީ ހަތަރުވަނަ ދުވަހުއެވެ.

ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފް އަޑުއެހުމަށް ދައުވާ ލިބޭ މީހުންގެ ތެރެއިން ހާޒިރުވީ މަފާޒާއި ޝާމިންއެވެ. ދައުލަތުން ބުނީ ދައުވާ ލިބޭ މީހުންނަށް ދައުވާކުރަނީ މަރުގެ މައްސަލައަކަށް ވެފައި ދައުވާ ލިބޭ މީހުންގެ މައްސަލަ ދަށު ކޯޓުގައި ނިމުނު ފަހުންވެސް ދައުވާ ލިބޭ ބައެއް މީހުންގެ ކުށުގެ ރެކޯޑް ހުރުމުން އެ މީހުން ބަންދުގައި ބޭތިއްބުމަށް އެދޭ ކަމަށެވެ.

ދައުވާ ލިބޭ މީހުން ހައިކޯޓުގައި އެދުނީ ވަކީލަކު ހަމަޖެއްސުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެކަމަކު ފަނޑިޔާރުން ނިންމެވީ އެކަމަށް ތިން ދުވަސް ދިނުމަށެވެ. ދައުވާ ލިބޭ މީހުންނަށް ވަކީލަކު ހަމަޖައްސަން ދިން މުއްދަތުގައި އެ މީހުން ބަންދުނުކުރަން ފަނޑިޔާރުން ނިންމެވުމާ ގުޅިގެންވެސް ދައުލަތުން ވަނީ އެމީހުން ދޫވެފައި ތިބުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ބުނެ އެ މީހުން ބަންދުކޮށްދިނުމަށް އެދިފަ އެވެ.

އެކަމަކު ފަނޑިޔާރުންގެ ބެންޗުން ނިންމެވީ ވަކީލުން ހަމަޖެއްސުމަށް ދިން މުއްދަތަށްފަހު ބާއްވާ އަޑުއެހުމުގައި ދައުވާ ލިބޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށެވެ. ހައިކކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝަހީދެވެ. ދެން ތިއްބަވަނީ ފަނޑިޔާރު ހުސައިން މަޒީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.