ކޮމިޝަނަރ އޮފް ސްޕޯޓްސް ހުސްކަމެއްގައި، ހީނާ ސަލީމް ސްޓޭޓަކަށް

ކޮމިޝަނަރ އޮފް ސްޕޯޓްސް ހުސްކަމެއްގައި، ހީނާ ސަލީމް ސްޓޭޓަކަށް

Author
މުޙައްމަދު ޝަޒައިމް
09 ޖުލައި 2023 10:12
0

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ސްޕޯޓްސް ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ) އައްޔަންކުރައްވައިފިއެވެ.

ހީނާ މި މަގާމަށް އައްޔަންކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ. މިހާރު ރައީސް އޮފީހުގެ ވެބްސައިޓްގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ތެރޭގައި ހީނާގެ ނަމާއި ފޮޓޯ ހިމަނާފައިވެއެވެ.

ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ކޯޗު ހީނާ އަހްމަދު ސަލީމަކީ މިސަރުކާރުގައި ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރެވެ. ކުޅިވަރުގެ ގާނޫނުގެ ދަށުން ހަތަރު އަހަރުގެ ދައުރަކަށް ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަށް ހީނާ އައްޔަންކުރެއްވީ މެއި 22، 2019 ގައެވެ. އޭނާގެ މި މަގާމުގެ ދައުރު ހަމަވީ މިއަަހަރުގެ މެއި 22 ވަނަ ދުވަހުއެވެ.

އެދުވަހުން ފެށިގެން ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމު އޮތީ ހުސްކަމެއްގައެވެ. އަދި މިހާތަނަށް އެމަޤާމަށް ބޭފުޅަކު އައްޔަން ކޮށްފައި ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަޤާމަށް އެކި އައްޔަން ކުރުމަށް އެކި ބޭފުޅުންނާއި ވާހަކަ ދެކެވުނު ނަމަވެސް އެއްވެސް ބޭފުޅަކު އަދި މިހާތަނަށް އެމަޤާމަށް އެއްބަސް ވެފައި ނުވެއެވެ.

ހީނާ ސަލީމުގެ އިތުރުން އިތުރު ދެ ބޭފުޅަކު ވެސް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބަވައެވެ. މީގެތެރޭގައި ހިމެނެނީ ހުސައިން އިސްމާއީލް އާއި މުހައްމަދު ނާސިހް ރަޝީދުއެވެ. ޔޫތު މިނިސްޓްރީއަކީ މިސަރުކާރުގެ ސިޔާސީ މަޤާމުތައް އެންމެ ގިނަ އެއް މިނިސްޓްރީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.