ކޭ ޕާކް މައްސަލައިގައި ހަސަން މަމްދޫހު (މަންޑޭ) ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން މަންޑޭ ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައަޅަން މިއަދު ހުޅުމާލޭ ކޯޓަށް ގެންދިޔުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
މަންޑޭ ހައްޔަރުކުރަން އިއްޔެ އަމުރު ނެރުނީ އޭނާ ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އިއްޔެ ބާތިލްކޮށްފައި ވަނިކޮށެވެ.
މަމްދޫހުގެ ޕާސްޕޯޓު ހިފަހެއްޓީ ހަންބޯ މޯލްޑިވްސްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ކޭ-ޕާކުގެ އެޕާޓުމެންޓުތައް ވިއްކައި ލިބުނު ފައިސާއަށް އޭނާ ޚިޔާނާތްތެރިވެފައިވާކަމަށް އެ ކުންފުނީގެ ބޭރު ހިއްސާދާރު ތުހުމަތުކޮށް، މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެންނެވެ. އެގޮތުން މަންޑޭ ޗައިނާ ހިއްސާދާރުގެ ސޮއި ފޯޖުކޮށް ކުންފުނީގެ ނަމުގައި އެކައުންޓުތައް ހެދިކަމަށްވެސް އޭނާ ތުހުމަތުކުރި އެވެ.
އެ މައްސަލައިގެ ތެރެއިން މަންޑޭއާއި އޭނާގެ ވިޔަފާރި ބައިވެރިޔަކު ކޭ-ޕާކުގެ އެޕާޓްމަންޓް ހުރި އަދަދަށް ވުރެ އިތުރަށް މީހުންނަށް އޮޅުވާލައިގެން ވިއްކުމަށްފަހު ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމުގެ ތުހުމަތު ފެންމަތިވެފައިވެއެވެ.