އިލެކްޝަންސް ކޮމިޝަންގައި މިހާރު ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން ދައުލަތުން ފައިސާ ލިބޭ މިންވަރަށް މެމްބަރުން ހަމަވަނީ 4 ހަތަރު ސިޔާސީ ޕާޓީއެއްގައިކަން ހާމަވެއްޖެއެވެ.
މިހާތަނަށް ސިޔާސީ ޕާޓީތަކުގައި ތިބި މެމްބަރުންގެ އަދަދު ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމުކުރި މައުލޫމާތުން އެނގޭގޮތުގައި 10 ހާހަށްވުރެ އިތުރަށް މެމްބަރުން ހަމަވާ ޕަޓީތަކަކީ ވެރިކަންކުރާ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޖުމުހޫރީ ޕާޓީ އަދި އެމްޑީއޭއެވެ. މިގޮތުން އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮގުގައި އޮތް އެމްޑީޕީގައި 58،035 މީހުން ތިބިއިރު ދެވަނައަަށް އެންމެ މެމްބަރުން ގިނަ ޕީޕީއެމްގައި 38،831 މެމްބަރުން އެބަތިއްބެވެ. ދެން އެންމެ މެމްބަރުން ގިނަ ޕާޓީއެއްގެ ގޮތުގައި އޮތީ ޖުމުހޫރީ ޕާޓީއެވެ. އެޕާޓީގައި 22،705 މެމްބަރު ތިބިއިރު ސަންޓްރަވަލް ސިޔާމް ހިންގަވާ އެމްޑީއޭގައި ތިބިކަމަށް ކޮމިޝަންގެ ހިސާބުތަކުން ދައްކަނީ 10،227 މެމްބަރުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތަކުން އެގެން ހުރި ގޮތުގައި، ކުރިން 10 ހާސް މެމްބަރުން ހަމަކުރި ޕާޓީއެއް ކަމުގައިވާ އަދާލަތު ޕާޓީގައި މިހާރު ތިބީ 9،595 މެމްބަރުންނެވެ. އަދި އެންމެ ފަހުން އުފެއްދި ޕާޓީއެއްގެ ގޮތުގައި އޮތް އެމްއެންޕީގައި 9،729 މެމްބަރުން ތިބި ކަމަށްވެސް ކޮމިޝަނުން އާންމުކުރި މައުލޫމާތުގައި ވެއެވެ.
އިލެކްޝަންސް ކޮމިޝަން އާންމުކޮށްފައިވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދުތަކަށް ބަލާއިރު، އީސީން އުވާލުމަށް މިހާރު ނިންމާފައިވާ އެމްއަރުއެމްގައި ތިބީ 2،892 މެމްބަރުންނެވެ. އަދި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ އެމްޓީޑީގައި މެމްބަރުން ތިބީ ކިރިޔާ 3،000 ހަމަވާ މިންވަރަށެވެ.
ކޮމެންޓު ފޮނުވާ