އެކްސިޑެންޓްވި ހަފީޒު އިންޑިއާއަށް ފުރުވާލައިފި

އެކްސިޑެންޓްވި ހަފީޒު އިންޑިއާއަށް ފުރުވާލައިފި

މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް އިންޑިއާއަށް ފުރުވާލައިފިއެވެ.

ހަފީޒްގެ ބައެއް ގާތް މީހުން ބުނި ގޮތުގައި، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. އޭނާ އިންޑިއާއަށް ފުރުވާލުމުގެ ކުރިން ފަރުވާދެމުން އައިސްފައިވަނީ އޭޑީކޭގެ އައިސީޔޫގައެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެއެވެ.

ހަފީޒުގެ ހާލު ހުރިގޮތުން ކޮމާޝަލް ފްލައިޓެއްގައި ރާއްޖެއިން ބޭރަށް ގެންދެވެން ނެތިގެން އެއަރ އެމްބިއުލާންސެއްގައި، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް އޭނާ ގެންދިއުމުގެ ކަންކަން ހަމެޖެހިގެން ދިޔައީ އިއްޔެކަމަށް "ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވެއެވެ. އެއަރ އެމްބިއުލާންސްގައި އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމުގެ ޚަރަދު ހަމަޖެއްސުމަށް ގިނަބަޔަކު އެހީތެރިކަން ފޯރުކޮށް ދީފައި ވެއެވެ.

އެއާ އެމްބިއުލާންސެެއް ޗާޓަރު ކުރާނަމަ ގާތްގަނޑަކަށް 42،500 ޑޮލަރު ނުވަތަ 655،000 ރުފިޔާ ހަރަދުވާ ކަމަށް އެނގިފައިވެއެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނެއްގެ އަތުންނެވެ.

އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ. ފަހުން ފުލުހުން ބުނެފައިވަނީ އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާކޮށް ނިމުމުން އޭނާ ހައްޔަރު ކޮށްފައިވާ ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *