މިއަދަކީ މިޤައުމުގެ ހަޔާތުގައި ކަޅު ދުވަހެއް: ކެލާ ޝަރީފް

މިއަދަކީ މިޤައުމުގެ ހަޔާތުގައި ކަޅު ދުވަހެއް: ކެލާ ޝަރީފް

Author
އަޒްފާ ރަޝީދު
03 ޖުލައި 2023 07:36
0

މިއަދަކީ މިޤައުމުގެ ހަޔާތުގައި ކަޅު ދުވަހެއްކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ޚާއްސަ ޖަލްސާ އެއް ބާއްވާފައިވާއިރު، އެ ޖަލްސާއަކީ އެކަމަށް އެދި، އެމްޑީޕީގެ 29 މެންބަރުން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި އެންމެ ފުރަތަމަ ކުރެއްވުމަށް އެންމެ އިސްކަމެއް ދެއްވުމަށް އެ މެންބަރުން އެދިލައްވާފައިވަނީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

އެހެންކަމުން، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އަށް ބަހުސް ކުރުމެވެ.

އެހެންނަމަވެސް, މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ، އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެޕާޓީގެ އެހެން މެންބަރެއް ޕާޓީން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ނިސްބަތަށް ބަދަލު އައިސްފައިވާ ކަމަށެވެ.

އެހެންކަމުން، މެންބަރުން ހިމެނޭނެ ގޮތާއި ގުޅިގެން ކުރިން އެކުލަވައިލެވުނު ރިޕޯޓް އަށް މިވަގުތު އަމަލު ކުރެވެން ނެތް ކަމަށާ، އަލުން އެ ރިޕޯޓް އެކުލަވައިލަންޖެހޭ ކަމަށްވެސް އަފީފު ވިދާޅުވި އެވެ. ވުމާއެކު މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން އިބްރާހީމް ޝަރީފް ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލިސް އިމްތިޔާޒަށް އަރައިގަނެ ރައްޔިތުންގެ އަޑު އިއްވުން މަޖިލީސް ރިޔާސަތުން ހުއްޓުވާފައިވާ ކަމަށެވެ.

އެހެންކަމުން، މިއަދު ވެގެން ގޮސްފައިވަނީ މި ގައުމުގެ ހަޔާތުގައި ކަޅު ދުވަހަކަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.