މާލޭގެ މަގުމަތިން ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒް، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން އެހީ ހޯދަން ފަށައިފިއެވެ.
ހަފީޒްގެ ބައެއް ގާތް މީހުން ބުނި ގޮތުގައި، އޭނާގެ ހާލު އަދިވެސް ވަރަށް ސީރިއަސްއެވެ. އޭނާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގައެވެ. އެކްސިޑެންޓްވި ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާގެ ހާލަތަށް ބަދަލެއް ނާދެއެވެ.
ހަފީޒަށް ބޭނުންވާ އިތުރު ފަރުވާ ހޯދުމަށް އޭނާ ރާއްޖެއިން ބޭރަށް ގެންދިއުމަށް އެއާ އެމްބިއުލާންސެއް ހޯދުމަށްޓަކައި ފައިސާ އެއްކުރުމުގެ މަސައްކަތް އާއިލާގެ ބޭފުޅުންނާއި ބައެއް ރަށްޓެހިން ގެންދަނީ ކުރަމުންނެވެ. އެއާ އެމްބިއުލާންސެެއް ޗާޓަރު ކުރާނަމަ ގާތްގަނޑަކަށް 42،500 ޑޮލަރު ނުވަތަ 655،000 ރުފިޔާ ހަރަދުވާ ކަމަށް އެނގިފައިވެއެވެ.
ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް އެކްސިޑެންޓްވީ ލައިސަންސް ނެތި ސައިކަލް ދުއްވި 22 އަހަރުގެ ޒުވާނެއްގެ އަތުންނެވެ.
އެކްސިޑެންޓްވުމުން ޒުވާނާ ފިލައިގެން ދިޔަ ކަމަށް ކުރިން އަޑުތަކެއް ފެތުރިގެން ދިޔަ ނަމަވެސް އޭނާ ފިލައިގެން ނުދާ ކަމަށާއި އޭނާއަށް ވެސް އަނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ.