ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ވޯޓަރސް ލިސްޓަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް ޖަވާބުދީފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ޝަކުވާގެ މުއްދަތުގައި ވޯޓަރސް ލިސްޓަށް ޖުމްލަ 551 ޝަކުވާއެއް ހުށަހަޅާފައިވެއެވެ. އިލެކްޝަންސް ކޮމިޝަނުން މިމަހުގެ 11 ވަނަ ދުވަހު އާއްމުކުރެއްވި ދާއިމީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދެއްވާފައެވެ. އެއީ މިމަހުގެ 11 އިން 22 އަށެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 551 ޝަކުވާއެއް ލިބިފައިވާއިރު މީގެ ތެރޭގައި މައިގަނޑު 6 ވައްތަރެއްގެ ޝަކުވާ ހިމެނެއެވެ. އަދި އެންމެ ގިނައިން ކޮމިޝަނަށް ހުށަހަޅާފައިވަނީ ނިޔާވެފައިވާ މީހުންގެ ނަން ލިސްޓުގައި އޮވެގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އަލްއުސްތާޛް އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް ވިދާޅުވީ، ޝަކުވާގެ މުއްދަތުގައި އެކޮމިޝަނަށް ހުށަހެޅުނު ހުރިހާ ޝަކުވާއަކަށް މިހާރު ޖަވާބުދީ ނިމިފައިވާކަމަށެވެ. އަދި ލިބުނު ޝަކުވާތަކާ ގުޅިގެން، ވޯޓުލާ މީހުންގެ ލިސްޓަށް އަންނާނެ ބަދަލު މި ހަފްތާތެރޭގައި ގެޒެޓް ކުރެވޭނެކަމަށާއި، ވޯޓުލާ މީހުންގެ އެންމެ ފަހުގެ ލިސްޓުވެސް ޢާންމު ކުރާނެކަމަށް ޙަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލެވޭނީ މި ލިސްޓުގައި ތިބި މީހުންނަށް އެކަންޏެވެ. އިންތިޚާބެއްގެ އެންމެ މުހިންމު އެއް އަސާސް ބިނާވެގެންވަނީ ވޯޓުލާމީހުންގެ ލިސްޓަށް ކަމަށްވާތީ، މި ލިސްޓުގެ ސައްޙަކަން ކަށަވަރު ކުރުމަކީ ޕާޓީތަކުންނާއި، ކެންޑިޑޭޓުންނާއި، ކައުންސިލްތަކުން އަދި ފަރުދީގޮތުންވެސް ކުރުން މުހިންމު ކަމެކެވެ. ޙަބީބް ވަނީ ވޯޓުލާ މީހުންގެ ސައްޙަ ލިސްޓެއް ތައްޔާރުކުރުމަށްޓަކައި، ޕާޓީތަކުންނާއި، ކައުންސިލްތަކުންނާއި، އިލެކްޝަންސް ފޯކަލް ޕޮއިންޓުން އަދި ފަރުދީގޮތުން ލިބުނު އެހީތެރިކަމަށް ޝުކުރު ދަންނަވާފައެވެ.
މިއަހަރު ބާއްވަވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުންނަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީކުރެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސަވައި، ރިޔާސީ އިންތިޚާބުގެ ޤަވާޢިދު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ޢާންމުކުރައްވާފައެވެ.
އެގޮތުން އަންނަ މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހާ ހަމައަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުއްވާލެއްވުމަށް އިލެކްޝަން ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރެވޭނީ ޖުލައި 16 އިން ފެށިގެން ޖުލައި 29 ގެ ނިޔަލަށެވެ. އަދި ޖުލައި 30 އިން ފެށިގެން އޯގަސްޓް 5 އަކަށް ރީ-ރަޖިސްޓްރީ ކުރެވޭނީ ފޯމުން އެކަނިކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ރިޔާސީ އިންތިޚާބު ބޭއްވެވުމަށް ނިންމަވާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަވަން ޖެހިއްޖެނަމަ ސެޕްޓެމްބަރު 30 ގައި 2 ވަނަ ބުރުގެ ވޯޓުލުން ބޭއްވެވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ކޮމެންޓު ފޮނުވާ