އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ އަމަލުތައް ހުރިގޮތުން، ކުރިޔަށް އޮތް ރިޔާސީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވެގެންދާނެކަމުގެ ޔަގީންކަން ނެތްކަމުގައި އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.
އިދިކޮޅު 5 ޕާޓީއަކުން ގުޅިގެން މިއަދު ހަވީރު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން، އިދިކޮޅު ޕީޕީއެމްއާއި، ޖުމުހޫރީ ޕާޓީއާއި، އެމްއެންޕީއާއި، އަލަށް ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދާ ދަ ޑިމޮކްރެޓްސްގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އުވާލަން ނިންމާފައިވާ އެމްއާރުއެމްއިންވެސް ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަންގެ ބައެއް މެމްބަރުންގެ އަމަލުތައް ހުރިގޮތުން އެކޮމިޝަނަށް މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވިދާނެކަމާމެދު ޔަގީންކަމެއް ނެތްކަމުގައެވެ.
މިގޮތުން، މިހާރު އުވާލުމަށް ނިންމާފައިވާ އެމްއާރުއެމްގެ ފަރާތުން، ދާދިފަހުން ރައީސް ސާލިހު ވަޒީފާއިން ވަކިކުރި އިސްމާއިލް ޒަބީހު ވިދާޅުވީ އެ ޕާޓީއަކީ މިހާރުވެސް އިލެކްޝަންސް ކޮމިޝަން ގޮވައިގެން ކޯޓަށް ގޮސްފައިވާ ޕާޓީއެއް ކަމަށާއި، އެޕާޓީން ކޮމިޝަންގޮވައިން ކޯޓަށް ދާންޖެހުނީވެސް ކޮމިޝަންގެ މައްޗަށް އިތުބާރު ނެތިގެން ކަމުގައެވެ. އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކުގެ ދަފްތަރު ބަލަހައްޓަމުން ދަނީ އިތުބާރު ކުރެވޭ އުސޫލަކުން ނޫން ކަމުގައެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންސްޓިޓިއުޝަނެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން މަސައްކަތް ކުރަމުން ދިޔަނަމަވެސް، އަދި ރަގަޅު އުސޫލުތަކާއި، ގަވާއިދުތަކާއި ގާނޫނުތައް ހެދިފައި ހުރިނަމަވެސް އެ ކޮމިޝަންގެ ބައެއް މެމްބަރުން ހެދިފައިވާ ގާނޫނުތަކަށާއި ގަވާއިދުތަކަށް އަމަލު ކުރަމުން ނުދާކަމުގައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމިކްރެޓްސްގެ ފަރާތުން ވާހަކަ ދައްކަވަމުން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ އޭނާގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ ޕާޓީ އުފެއްދުމުގެ ހުއްދަ އަންނަ ޖުލައިމަހުގެ 2 ވަނަ ދުވަހު ދެއްވާނެކަމަަށް ކޮމިޝަނުން އަންގާފައިވާކަމުގައެވެ. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނަށް އިތުބާރު ނުކުރެވޭތީ އެ ޕާޓީ އުފެއްދުމުގެ ހުއްދަ ހޯދުމަށް މިހާރު ކޯޓަށް ގޮސްފައިވާކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުރިހާ ޕާޓީއަކުންވެސް ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަން ޒިންމާދާރު ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން ދާނެކަމަށާއި، އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުވައްސަސާ މެދުވެރިކޮށް ކުރެވެން ހުރި މަސައްކަތްތައްވެސް ހުރި ކަމުގައެވެ.
ކޮމެންޓު ފޮނުވާ