އެމްޑީޕީއާއެކު ޖޭޕީން ހެދި ކޯލިޝަން މިހާރު އޮތީ ނިމިފައި: ގާސިމް

އެމްޑީޕީއާއެކު ޖޭޕީން ހެދި ކޯލިޝަން މިހާރު އޮތީ ނިމިފައި: ގާސިމް

Author
ހުސެއިން
24 ޖޫން 2023 06:13
0

ޖުމުހޫރީ ޕާޓީގެ މެމްބަރުން ވެރިކަން ކުރާ އެމްޑީޕިއަށް "ދަމާ" ގެންދަމުން ދާއިރު، އެމްޑީޕީއާއެކު ޖޭޕީން ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިހާރު އޮތްކަމަށް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ގާބޫލު ކުރައްވަނީ އެ އެއްބަސްވުން މިހާރު އޮތީ ނިމިފައި ކަމުގައި ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިޔަށްދިޔަ ޖުމުހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި، އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމް މި ސަރުކާރަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކޮށް ގާސިމް އިބުރާހިމް ވިދާޅުވީ، އަމީން އިބުރާހިމްގެ ވިދާޅުވި ފަދައި މި ސަރުކާރާއެކު ކޯލިޝަން އެއްބަސްވުމެއް އޮތްކަމަށް ގަބޫލުކުރާންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތްކަމުގައެވެ.

އަޅުގަޑު ދެންނެވިން ދެއްތޯ، އަޅުގަޑުމެންގެ ޕާޓީ އޮތީ ކޯލިޝަންގަތޯ ނުވަތަ ނޫންތޯ މި ކުރައްވާ ސުވާލު.. މީގެ ޖަވާބުގައި އަޅުގަޑު ދަންނަވާލަން ޖެހެނީ، އަޅުގަޑުމެންގެ ޕާޓީގެ މެމްބަރުންތައް އެކޮޅަށް ގެންދަނީ.. ގެންގޮސް ސޮއި ކުރުވަނީ، އަނެއްކަމެއް ކުރަނީ. ސްލޮޓްތައް ދަނީ. އެ ސްލޮޓްތަކެއް ނާދޭ. ދެން އަޅުގަޑުމެން ބުނަންވީތޯ އަޅުގަޑުމެން މިތިބީ އެ ކޯލިޝަންގައޭ ނުވަތަ ނޫނޭ. ބަލަ މީގެ ކުރީގަވެސް އެމްޑީޕީން ހެދި ކޯލިޝަންވެސް އަދި ޕީޕީއެމްއިން ހެދި ކޯލިޝަންވެސް އެބޭފުޅުންނޭ އުވާލީ. މިފަހަރު އެހެން ނުބުނެ އެކަން ނިމިފަކަމަށް ތި ވިދާޅުވަނީ އަމީން. ދެއްތޯ! އަޅުގަޑުވެސް ގަބޫލުކުރަނީ އެހެންކަމަށް މިކަން އޮތީ.

މިރޭ އޮތް ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވިއެވެ. ޖޭޕީން އެމްޑީޕީއާއެކު ހަދާފައިވާ ކޯލިޝަން މިހާރު އޮތީ އުވިފައިކަމަށް ގާސިމް ވިދާޅުވުމުން ޖޭޕީގެ ކައުންސިލްގައި ތިއްބެވި ކައުންސިލް މެމްބަރުންވަނީ އަތްތިބަޑީގެ ހޫނު ތަރުހީބެއްވެސް ދީފައެވެ.

ގާސިމް ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިސަރުކާރުން އޭނާއަށް ކަންކަމުގައި ދަތިކުރުމުން ދެން އަނެއްކާވެސް ދައުވާކޮށް، ކޯޓަށް ދިއުމުން، ލިބުނު ގެއްލުމަކާއި، "އެޅި ވޭނެއްގެ" ބަދަލު ލިބިގެންދާއިރު، އެފައިސާވެސް ދައުލަތުގެ ބަޖެޓުން ދައްކަން ޖެހުމުން އޭގެ ހުރިހާ ގެއްލުމެއް ލިބިގެންދަނީ ހަމަ ރައްޔިތުންނަށް ކަމުގައެވެ.

ދަތި ކުރީމަ މި އަންނަ މައްސަލައަކީ.. އަނެއްކާވެސް މި ދައްކަންޖެހެނީ ދައުލަތުން އެ ފައިސާ. ދައްކަން ޖެހުނީމަ މީ އިހުސާންތެރިކަން ހުރި މީހަކު ދުވަހަކުވެސް ކުރާނެ ކަހަލަ ކަމެއްތޯ މިއީ؟ ރައްޔިތުން ދެކެ ކުޑަވެސް ލޯތްބެއް ހުރި މީހަކު ދުވަހަކުވެސް ކުރާނެ ކަމެއްތޯއޭ މިއީ؟ އަޅުގަޑު ހަމަގައިމުވެސް އަޅުގަޑު ފޮނުވަން ފޮނުވަންޖެހޭ ހުރިހާ ފަރާތަކަށް. ތިމަންނައަކަށް ނޭގެއެކޭ ނުބުނެވޭނެ އެއްވެސް މީހަކަށް. ސިޓީ އެންޓިކޮރަޕްޝަން ކޮމިޝަނަށް ފޮނުވާ ސިޓީ، މިނިސްޓްރީ އޮފް ޓުއަރިޒަމަށް ފޮނުވާ ސިޓީ، މި ހުރިހާ އެއްޗެއް ދާންވީ ހުރިހާ ފަރާތަކަށް އެބަ ފޮނުވަން. އަޅެ އެހާ ކަންބޮޑުވެގެން އަޅުގަޑުމެންނަށް މި ވިއްކާލުމުގެ ހުއްދަ ނުދީގެން މިދަނީ އަޅުގަޑު އެ ލާރި ނަގައިގެން އަޅުގަޑު މި ކޮންކަމެއް ކޮށްފާނެތީތޯ؟ އަޅުގަޑު ވެރިކަމަށް ކުރިމަތި ލައިގެން ރިޔާސީ ކެނޑިޑޭޓަކަށް ހުރީމާ އެޚަރަދު ކޮށްގެން އެކަން ކޮށްފާނެތީތޯ؟ ބަލަ އެލާރިވެސް އަޅުގަޑު ޚަރަދު ކުރީމާ ލިބެނީ ދިވެހި ރައްޔިތުންނަކަށް ނޫންތަ؟

ރައީސް ސާލިހާއިމެދު އޮތް ހިންހަމަނުޖެހުން ފާޅުކުރައްވަމުން ގާސިމް އިބުރާހިމް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ، އޭނާ ހޯދާ ފައިސާއެއް ހޯއްދަވަނީ އަމިއްލަ މުދާ ވިއްކަވައިގެން ކަމަށާއި، ބޭރު މީހެއްގެ އަތުން ނުވަތަ އެހެން މީހެއްގެ އަތުން ނޫންކަމުގައެވެ. އަދި ގާސިމް ވިދާޅުވީ ޕްރޮޖެކްޓަކުން ނުހައްގުން ނުވަތަ މޭޒުދޮށަކުން ހޯދާ ފައިސާއަކުންވެސް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދެއްވަނީ ލެޔާއި ދާ އޮހޮރުވައިގެން އަަމިއްލަ މަސައްކަތުން ހޯދާފަ ހުރި ފައިސާއަކުން ކަމުގައެވެ.

ގާސިމް އިތުރަށް ވިދާޅުވީ އަމިއްލަފުޅު ވެރިކަމެއްގަ އެންމެ ދުޝްމަން މީހާއަށްވެސް ލިބެން އޮތް އެއްޗެއް ނުހިފަހައްޓަވާނެ ކަމަށާއި، އަދި ވެރިކަމެއްގައި ދުޝްމަނަކު ނުވެސް ހުންނާނެ ކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.