ވެރިކަން ލިބިއްޖެނަމަ ހުޅުމާލޭގައި ހުރި ހުރިހާ ފެލްޓެއްގެ ކުލި މާފް ކޮށްދޭނަން: ގާސިމް

ވެރިކަން ލިބިއްޖެނަމަ ހުޅުމާލޭގައި ހުރި ހުރިހާ ފެލްޓެއްގެ ކުލި މާފް ކޮށްދޭނަން: ގާސިމް

Author
ހުސެއިން
24 ޖޫން 2023 06:03
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށްފަހު، ވެރިކަން ލިބިވަޑައިގެންފިނަމަ، ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓެއްގެ ކުލި މާފް ކޮށްދޭނެކަމުގައި، ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށްދިޔަ، ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ 158 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ އައިތާ 15 އަހަރު ވެއްޖެ ކަމަށާއި، އެހެންނަމަވެސް ސަލާމްޖެހުން ނައްތާލެވިފައި ނުވާކަމުގައެވެ. އަދި ރައްޔިތުންގެ ހާލަތުވެސް ބަދަލު ނުވާކަމަށާއި، އެހެންކަމުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ޖެހޭނީ ވަރަށް ބޮޑަށް ވިސްނާފައި ކަމުގައެވެ.

މިރޮގުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާކަމުގެ މަގާމަށް މީހަކު އިސްކުރުމަކީ އާދައިގެ ކަމެއް ނޫންކަމަށާއި، އެމަގާމަށް މީހަކު އިސްކުރުމަށް ރައްޔިތުން ވޯޓުލާން ޖެހޭނީ ވަރަށްވެސް ބޮޑަށް ވިސްނާފައި ކަމުގައެވެ.

ގާސިމް ވިދާޅުވެފައިވަނީ، ހުޅުމާލޭގައި ހުރި ހުރިހާ ފްލެޓްތަކުގެ ކުލި ކުޑަކުރަންޖެހޭނީ ބޭއިންސާފުން ހުޅުމާލެއިން ހިލޭ އާންމު ރައްޔިތުންނަށް ގޯތި ދޭން ސަރުކާރުން ނިންމާފައިވާތީ ކަމުގައެވެ. މިގޮތުން ގާސިމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން އެއް ބަޔަކަށް ގޯތި ހިލޭ ދީފަ، އަނެއްބަޔަކު ދިރިއުޅުމަށް ފައިސާ ޚަރަދު ކުރަން ޖެހުމަކީ އިންސާފެއް ނޫން ކަމުގައެވެ.

މިހާރު މިދައްކަނީ ގޯތީގެ ވާހަކަ، މާލޭ މީހުންނަށް ހަތަރުހާސް ފައްސަތޭކަ ގޯތި ދޭ ވާހަކަ. އެއްބަޔަކަށް ވިއްކަނީ، ހެޓު ކިޔާފަ. ބޮޑު އަގުގަ 8 މިލިއަނުން 10 މިލިއަން ރުފިޔާއިން ވިއްކަނީ. އަނެއް ބަޔަކަށް ދޭންވީ ހިލޭ. ބަލަ ކޮބާ އިންސާފު؟ ކޮބާ އިހުސާންތެރިކަން؟ އަޅުގަޑުގެ ވެރިކަމެއްގެ ތި ހުޅުމާލޭގަ ދީފަހުރި ފްލެޓްތަކުގެ ކުލި އެއްފަހަރާ މާފް ކޮށްދޭނަން. މާފް. ބޮޑުލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ.

ހުޅުމާލޭގައި ހުރި ފްލެޓްތަކުގެ ކުލި، އަމިއްލަފުޅު ވެރިކަމެއްގަ މާފް ކޮށްދެއްވާނެކަމަށް ވައުދުވަމުން ގާސިމް ވިދާޅުވިއެވެ.

ޖޭޕީގެ ކައުންސިލްގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އާންމުންނަށް ދީފައިވާ ފްލެޓްތަކުގެ އިތުރުން ސިފައިންނާ ފުލުހުންނަށް ދީފައިވާ ފްލެޓްތަކުގެ ކުލިވެސް މާފް ކޮށްދެއްވާނެ ކަމުގައެވެ.

ދެން އަޅުގަޑު ދަންނަވާލީ، އަޅުގަޑު ކުލިތައް މާފްކޮށްދޭނެނަމޭ ދެއްތޯ! އިރާދަ ކުރެއްވިއްޔާ އަޅުގަޑު އެކަން ކުރާނަން، އެއީ ސަމާސައަކަށް ދެއްކި ވާހަކައެއް ނޫން. އެއީ އިންސާފު ގާއިމް ކުރުމަށްޓަކާ، އެއީ އިންސާފުވެރި ވުމަށްޓަކާ އެކަން ކުރަން އެބަޖެހޭ ދެއްތޯ! އެހެން ނޫނީވިއްޔާ 8 މިލިއަން ރުފިޔާއަށް 10 މިލިއަން ރުފިޔާއަށް އެއްބަޔަކަށް ވިއްކާފަ، އަނެއްބަޔަކަށް 2،000 އަކަފޫޓުގެ ބިން ދިނީމާ ކީކޭތޯ ބުނާނީ؟ އެވަރުގެ ބިމެއް ގަންނަން މިލިބެނީ 8 މިލިއަން، 9 މިލިއަން، 10 މިލިއަން ރުފިޔާއަށް. އެހެންވީމަ ތަނަކުންތާކު ނުޖެހޭ، ދެކޮޅު ނުޖެހޭ ކަންތައް ކުރީމާ، އެކަމަށް ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމް ކޮށްދޭން އެބަޖެހޭ ދެއްތޯ! އެހެން ނޫނީ ވިއްޔާ ވެރިކަމުގަ ނުހުންނާށޭ މިބުނަނީ. އެހެންނޫނީ ގެއަށް ކަނޑާލާށޭ.

މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހަށް ނިސްބަތް ކުރައްވާ، މިއަދުގެ ޖޭޕީގެ ކައުންސިލް ބައްދަލުވުން ނިންމަވާލައްވަމުން ގާސިމް ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.