މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ނައިބު ރައީސް ބައްދަލުކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2023 01:29
0

ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގައި އޮންނަ މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ނައިބުރައީސް ފައިޞަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ މިކަން ހާމަކޮށްފައެވެ. އެއޮފީހުން ބުނި ގޮތުގައި، މި ބައްދަލުކުރެއްވުމުގެ މައިގަނޑު ބޭނުމަކީ މަދީނާގައި ތިބި ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކާއި ކިޔެވުމާ ގުޅުންހުރި ކަންކަން އޮޅުންފިލުވުމާއި އެކަންކަމާމެދު މަޝްވަރާކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ސަޢޫދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އަމީރުލްޙައްޖުގެ ގޮތުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ އެންމެހައި ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްޙައްޖުގެ ގޮތުގައި ނައިބު ރައީސް ފައިޞަލް ކަނޑައަޅުއްވާފައެވެ.

ދިވެހި ޙައްޖާޖީންގެ އެންމެހާ ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ހުރިހާ އިންތިޒާމުތަކެއް ވީހާވެސް ފުރިހަމައަށް ގެންދިޔުމަށް ބާރު އެޅުމަށްޓަކައި ސަރުކާރުން ކޮންމެ އަހަރަކުވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑަށެވެ. މި ތިން ކުންފުންޏަށްވެސް 90 ކޯޓާ އިސްލާމިކް މިނިސްޓްރީންވަނީ ދީފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދާ ހުރިހާ ދިވެހިންވެސް މިހާރު މައްކާގައި ތިބިއިރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. މި އަހަރުގެ ހައްޖު ދުވަހަކީ މި މަހުގެ 27 ވާ އަންގާރަދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.