މާލޭ ސިޓީގެ ކައުންސިލުން ފާއިތިވެދިޔަ ތަނުގައި ނިންމަމުން އައި ބޮޑެތި ނިންމުންތައް ނިންމުމުގެ ބާރު ކޮމިޓީތަކުން ނަގާ، ސިޓީ ކައުންސިލްގެ މެޖޯރިޓީން ނޫނީ އެކަންކަން ނުނިއްމޭގޮތަށް ކައުންސިލްގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.
މިގޮތުން މާލޭ ސިޓީގެ މެންޑޭޓުގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމާއި، ވިލަރެސް ކުރުމާއި، އަދި އޭގެ އިތުރުން ސިޓީކައުންސިލުން ވަކި ޚިދުމަތެއް ދިނުމަށް ނުވަތަ ވަކި ކަމަކަށް ބަދަލު ގެނައުމާއި ފީނެގުންފަދަ ކަންކަމުގައިވެސް ކޮމީޓީތަކުން ނިންމަައިގެން ތަންފީޒު ކުރެވޭގޮތަށް އޮތް އޮތުން ބަދަލުކޮށް، ކޮމިޓީތަކުގެ ނިންމުންތައްވެސް ކައުންސިލްގެ މެޖޯރިޓީން ތާއީދުކޮށްގެން މެނުވީ ނުނިންމޭގޮތަށް ވަނީ ކަންއުންސިލްގެ ހިންގާ ގަވާއިދަށް އިސްލާހު ގެނެސްފައެވެ.
މާލޭ ސިޓީ ކައުންސިލުގެ ހިންގާ ގަވާއިދުގައި މިހާތަނަށް، ކައުންސިލުން ނިންމާ ނިންމުންތަކުގައި ރިއާޔަތް ކުރާންޖެހޭކަމަށް ބަޔާން ކޮށްފައި އޮންނަނީ ހަމައެކަނި ރައްޔިތުންގެ ލާބައަށް އިސްކަން ދޭންޖެހޭ ގޮތަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ކައުންސިލްގެ ރުހުމާއި ނުލާ، ކޮމިޓީތަކުގެ އަޢުލަބިއްޔަތު ބޭނުންވާގޮތަށް ކަންކަން ނިންމުމުގެ އިޚްތިޔާރު މިހާތަނަށް ވަނީ ކޮމިޓީތަކަށް ލިބި ދީފައެވެ.
އަދި އޭގެ ސަބަބުން ފާއިތުވެދިޔަ ތަނުގައި، ކޮމިޓީތަކުގެ ނިންމުންތަކަށް މޭޔަރު މުއިއްޒުގެ ނުފޫޒު ފޯރާކަމަށްވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
އެހެނެންނަމަވެސް، ކޮމިޓީތަކަށް ކައުންސިލްގެ ރަސްމީ ޖަލްސާއަކުން އައުލަބިއްޔަތުގެ ތާއީދާއި ނުލާ ބޮޑެތި ކަންކަން ނުނިންމޭގޮތަށް އިސްލާހު ގެނެސްފައިވާއިރު، ގެނައި އިސްލާހުގެ ތެރޭގައި މައިގަޑު 4 ކަމެއް ފާހަގަ ކޮށްފައި ވެއެވެ. އެއީ:
- މާލޭގެ ޕާކުތަކާއި، އާންމު ހުސްޖާގަތަކާއި، މަގުތަކަށް ބަދަލު ގެނައުމާއި ތަރައްގީ ކުރުމާއި، ކުއްޔަށް ދިނުމާއި އަދި އެތަންތަނުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނައުން.
- ކައުންސިލުން ފޯރުކޮށްދޭ އެކިއެކި ޚިދުމަތްތަކުން ނަގާ ފީތަކަށް ބަދަލު ގެނައުން.
- ކައުސިލަަށް ލިބޭ އާމްދަނީއާއި ގުޅުންހުރި ކަންކަން ނިންމުން.
- ކައުންސިލުން ފާސްކޮށްފައިވާ އަހަރީ ބަޖެޓު ނުވަތަ ބަޖެޓުން ބަޔަކަށް ބަދަލު ގެނައުން.
މާލޭ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފައިވާ ކަންކަމުގައި ތެރޭގައި ހިމެނެނީ ބަޖެޓު ނުވަތަ ބަޖެޓްގެ ބަޔަކަށް އެއްވެސް އިސްލާހެއް ގެނައުމާއި ގުޅޭކަންކަން ފިޔަވާ އެހެނިހެން ކަންކަމެވެ.
ކައުންސިލުން މިއަދު ފާސްކޮށްފައިވާ ގޮތުގައި، ކައުންސިލްގެ މަސައްކަތްތައް ވިލަރެސް ކުރުމަށާއި، ސިޔާސަތު ކަޑައެޅުމަށާއި، އަދި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ކައުންސިލްގެ އަޢުލަބިއްޔަތުން ފާސްކޮށް ދާއިމީ ކޮމީޓިތައް އުފެއްދިދާނެއެވެ. އެހެންނަމަވެސް މި ކޮމިޓީތައްވެސް ހިންގަންވާނީ ކައުންސިލުން ފާސްކޮށްފައިވާ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މި ކޮމިޓީތަކުން ނިންމާ ނިންމުންތައްވެސް ތަންފީޒު ކުރަންވާނީ ކައުންސިލްގެ އައުލަބިއްޔަތުން ފާސްކޮށްގެން ކަމަށްވެސް ކައުންސިލުން މިއަދު ނިންމާފައި ވެއެވެ.
ބައެއް ފަރާތްތަކުން ފާހަގަ ކުރާގޮތުގައި މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމި ނިންމުމަކީ އެކައުންސިލްގެ ނިންމުންތަކަށް މޭޔަރު މުއިއްޒުގެ ނުފޫޒު ފޯރާކަމަށް ކުރެވޭ ތުހުމަތުތަކަށް މޭޔަރު މުއިއްޒު ހޯއްދަވާދެއްވި ރަގަޅު ފަރުވާއެކެވެ.
ކޮމެންޓު ފޮނުވާ