ރައީސް ނަޝީދު އިސްކޮށް ހުންވައިގެން އުފެއްދެވުމަށް މަސައްކަތް ކުރައްވާ "ދަ ޑިމޮކްޓްސް" އުފެއްދުމުގެ ހުއްދަ ނުދީ ހިފެހެއްޓުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް ނޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތައް ވެރިފައި ކުރުމުގެ ހުރިހާ މަރުޙަލާއެއް ނުނިމެނީސް ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަދޭން ކޮމިޝަންގެ ޖަލްސާއިން ފާސްވެފައިނުވާ ކަމަށެވެ. ކޮމިޝަނުން ވިދާޅުވީ، ޕާޓީ ރަޖިސްޓަރީ ކުރުމާ އުފެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުން އެއީ ދެ މަރުޙަލާއެއްގެ ދެ ކަމެއް ކަމުގައެވެ.
ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވީ، ދަ ޑިމޮކްރެޓްސް އުފެއްދުމަށް ހުއްދަ ދެއްވުމާއި ގުޅޭގޮތުން ބޭއްވި ޖަލްސާގައި ބައިވެރިިވި 4 މެމްބަރުންގެ ތެރެއިން 2 މެމްބަރުންނަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދޭން ތާއީދު ކުރެވުނު ނަމަވެސް، 2 މެމްބަރަކު ބޭނުންވީ ފޯމުތައް އަދި ޗެކް ކުރުމަށް ކަމަށްވާތީ މިވަގުތަށް ހުއްދަ ދިނުން މަޑުޖައްސާލާފައިވަކަމަށެވެ.
އިލެކްޝަނުން ޑިމޮކްރެޓްސް އުފައްދަން ހުއްދަ ނުދިނުމުން ކަންބޮޑުވުން ފާޅުކޮށް ނާޒިމް ކުރި ޓުވީޓުގައި ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމާޔަތްކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށްވާއިރު، އެހައްގު ހަނިވާގޮތަށް ގާނޫނު މާނަކޮށް "ދަ ޑިމޮކްރެޓްސް" ޕާޓީ އުފައްދަން ހުއްދަނުދީ ހިފެހެއްޓުމަކީ ނުހަނު ކަންބޮޑުވުން އޮތްކަމެއް. ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތައް ހިމާޔަތްކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ މައްޗަށް ލާޒިމުކަމެއް.
– ނާޒިމް ވިދާޅުވިއެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަތީފަށެވެ. ޕާޓީ އުފެއްދުމަށް 3،600 މީހުންގެ ފޯމާއިއެކު އިލެކްޝަނަށް ހުށަހެޅީ މިމަހުގެ ފުރަތަމަ ދުވަހުއެެވެ.
ކޮމެންޓު ފޮނުވާ