ތޫފާން "ބުރެވި" ލަންކާގެ އެއްގަމަށް އަރައިފި. ރާއްޖޭގެ އިރު ދެކުނުން އުފެދުނު ކޮޅިގަނޑުވެސް ބާރު ގަދަ ވަނީ!

ތޫފާން "ބުރެވި" ލަންކާގެ އެއްގަމަށް އަރައިފި. ރާއްޖޭގެ އިރު ދެކުނުން އުފެދުނު ކޮޅިގަނޑުވެސް ބާރު ގަދަ ވަނީ!

Author
ޢަލީ އާދަމް
03 ޑިސެމްބަރ 2020 09:08
0

ބޭ އޮފް ބެންގާލްގައި އުފެދި ސްރީލަންކާއާ ދިމާއަށް ދަތުރު ކުރި ތޫފާން "ބުރެވި" ލަންކާގެ އެއްގަމަށް ރޭ އަރާފައި ވާކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

ތޫފާން ލަންކާއަށް އެރުމާގުޅިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓަކީ މިފަދަ ހާލަތުގައި އާންމުންނަށް ދޭންޖެހޭ މަޢުލޫމާތު ހިއްސާކުރަން ނެރޭ އެލާޓެކެވެ.

ތޫފާން ބުރެވީގެ އިތުރުން އިންޑިއާ ކަނޑުގައި ރާއްޖޭގެ އިރު ދެކުނުން އުފެދިފައިވާ ކޮޅިގަނޑުގެ ބާރުވެސް ގަދަވަމުން ދާކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ތޫފާނާއި ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކޮންމެވެސް ވަރަކަށް ކުރާނެކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.

ކުރިއަށްއޮތް 24 ގަޑީރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އެ އިދާރާއިން ބުނީ ރާއްޖޭގެ ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ރާއްޖޭގެ ކަނޑުތައްވެސް ގަދަވާނެތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.

ތޫފާން "ބުރެވި"ގެ ސަބަބުން ލަންކާގެ ބޮޑު ބަޔަކާއި އިންޑިއާގެ ދެކުނާއި އިރު ދެކުނުގެ ބައެއް ސަރަހައްދުކަށް، އިއްޔެއިން ފެށިގެން ހަފްތާ ބަންދުގެ ނިޔަލަށް، އެ ގައުމުތަކުގެ ކަމާބެހޭ އިދާރާތަކުން މޫސުމީ އެންމެ ވަރުގަދަ އިންޒާރު ރެޑް އެލާޓް ވަނީ ނެރެފައެވެ. ލަންކާގެ އިރު އުތުރު ސަރަހައްދުން ގޮސް އިންޑިއާގެ ދެކުނާއި އިރު ދެކުނުގެ ބައެއް ސަރަހައްދުތަކަށް އެރުމަށްފަހު ތޫފާން ބުރެވި ދަތުރުކުރާނެކަމަށް ބެލެވެނީ ރާއްޖޭގެ އުތުރުން ގަލްފް އޮފް މަނާރަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.