ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރައްވަން މަޖިލީހަށް ހުށަހަޅުއްވާފައިވާ މައްސަލާގައި ބަހުސް ކުރެއްވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރައްވައިފިއެވެ.
އީވާ މަގާމުން ވަކި ކުރުމަށް މަޖިލީހުގެ 50 މެންބަރުން ސޮއި ކުރައްވައި ހުށަހެޅި އެ ގަރާރަށް ދީފައިވާ 14 ދުވަހުގެ ނޯޓިސް މިއަދަށް ވަނީ ހަމަވެފައެވެ. އެކަމަކު އެމްޑީޕީގައި ތިއްބެވި 13 މެންބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގައި އެއްބަސްވުމަކަށް ނާދެވި، ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ތިން ހަފްތާއެއްހާ ދުވަސް ވަނީ ވެފައެވެ.
މަޖިލިސް ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެ ޖަލްސާއެއްގައި ޙާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ. އީވާގެ މައްސަލަ މިހާތަނަށްވެސް އެޖެންޑާ ނުކުރެވި ވަނީ، މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލެވި، ޢާންމު ކޮމެޓީން ކަނޑައަޅަންޖެހޭ ވަގުތު ކަނޑައެޅިފައި ނެތުމުންނެވެ. މާދަމާގެ ޖަލްސާއަށް އީވާގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ދަށުން އީވާއަށް ދިން ނޯޓިސް މިއަދަށް ހަމަވުމާއި ގުޅިގެންނެވެ.
ގަވާއިދު ބުނާގޮތުން މާދަމާގެ ޖަލްސާއަށް މިމައްސަލަ އެޖެންޑާ ކުރަންޖެހެއެވެ. މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ހަމައެކަނި މަސައްކަތަކީވެސް މިމަސައްކަތް ކަން ފާހަގަކޮށްލެވެއެވެ. މިމައްސަލައިގެ ބަހުސް ކުރުމަށް އެޖެންޑާ ކޮށްފައި ވީނަމަވެސް ޢާންމުކޮމެޓީން އަދި މިހާތަނަށް މިމައްސަލާގައި ބަހުސް ކުރުމުގެ ވަގުތު ކަނޑައަޅަފައި ނުވެއެވެ.
މަޖިލީހުގެ އަމީން އާންމުވަނީ މިމައްސަލާގައި މަޖިލިސް ނައިބް ރައީސް އީވާ އަށް ދެއްވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވެފައި ވާތީ، އެމައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެވޭނެކަމަށް މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ސިޓީގައި ދަންނަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުވަނީ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ފޮނުވި ސިޓީގައި ޢާންމުކޮމެޓީ ބާއްވައި ވަގުތު ކަނޑައެޅުމަށް ވަނީ ދަންނަވާފައެވެ. ނަމަވެސް އެމަސައްކަތް އަދި ކުރެވެފައި ނުވެއެވެ.
މަޖިލީހުގެ ގަވާއިދާ އެއްގޮތަށް އީވާގެ މައްސަލަ އެޖެންޑާކޮށްދޭން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން ތަކުރާރުކޮށް އެދެމުންދަނިކޮށް، މިއަދުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ. އެ އާއެކު، އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމެއް ބުނެ، އެމްޑީޕީ މެމްބަރުން ވަނީ އަޑުގަދަކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާ ހުއްޓުވައިފައެވެ.