ބޮޑާކަމާއި ގަދަބަދަވިކަން ދައްކައިގެން މަޖިލިސް ކުރިއަށް ގެންދެވޭކަށްނެތް: ޓޮމް

ބޮޑާކަމާއި ގަދަބަދަވިކަން ދައްކައިގެން މަޖިލިސް ކުރިއަށް ގެންދެވޭކަށްނެތް: ޓޮމް

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ ބޮޑާކަމާއި ގަދަބަދަވިކަން ދައްކައިގެން މަޖިލިސް ކުރިއަށް ގެންދެވޭނެ ހާލަތެއް ނެތްކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު، ޓޮމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުން މަޑުޖައްސާލީ އެކަމާ ގުޅޭ ގޮތުން ޕާޓީތަކާ މަޝްވަރާކުރަން ބޭނުންވެގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް އަދިވަޑައިގަތުމުން ކަމަށް މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިޔުޝާ، ވިދާޅުވުމުންނެވެ.

ނިއުޝާގެ ވާހަތަކާއި ގުޅިގެން ޓޮމް ވިދާޅުވީ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ގޮތެއް ހެދޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމް ގޮތް ދޫކުރައްވައިގެންކަމަށެވެ. މަޖިލިސް ތެރޭގައި މިހާރު އޮތް ހާލަތަށް ހައްލެއް ލިބޭނީ ވާހަކަ ދައްކައިގެން ކަމަށްވެސް ޓޮމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދިމާވެފައިވާ މައްސަލަ ހައްލުވާނީ މަޝްވަރާކޮށްގެނެވެ. ފެންނަ ފެނުމުގައި ގެނެވޭނީ ސިޔާސީ ހައްލެކެވެ. މެޖޯރިޓީ ލީޑަރުގެ ބޮޑާކަމާއި ގަދަބަދަވިކަން ދެއްކިވަރަކަށް ދާންއޮތީ އިތުރު ގޯސްތަކަކާ ދިމާއަށެވެ. ޖުން ޖުލައިގެ ގަދަޔާ ކުރިމަތިވާނެއެވެ.

– ޓޮމް ވިދާޅުވިއެވެ.

އަސްލަމް ވަނީ ނިއުޝާ ފޮނުވި ސިޓީއަށް ރޭ ޖަވާބު ދެއްވާފައެވެ. އަސްލަމް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ބައެއް ކޮމިޓީތައް އެމްޑީޕީގެ މެޖޯރިޓީ ގެއްލޭގޮތަށް އެކުލަވާ ނުލުމަށް އެދި ފޮނުއްވި ސިޓީއަކީ މަޖިލިހުގެ ކޮމިޓީތައް ހުއްޓުމަކަށް ގެނައުމަށް އޮތް އުޒުރަކަށް ހައްދަވާފައިވާތީ ހިތާމަ ކުރައްވާކަމުގައެވެ.

ކޮމިޓީތައް އަލުން އެކުލަވާލުން މަޑުޖައްސާލީ އަސްލަމްގެ އެދިވަޑައިގަތުމަށް ކަމަށް ނިއުޝާ ވިދާޅުވާ މައްސަލާގައި ރައްދު ދެއްވަމުން އަސްލަމް ވިދާޅުވެފައިވަނީ، މަޖިލުހުގެ 64 އިންސައްތަ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު، މަޖިލިހުގެ ކޮމިޓީތައް އެކުލަވާލަން މަސައްކަތް ކޮށްފައިވަނީ މަޖިލިހުގެ ބައެއް ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭ ގޮތަށް ކަމަށެވެ. އެހެންކަމުން އެދިވަޑައިގަތީ އެގޮތަށް ކޮމިޓީތައް އެކުލަވާނުކުމަށް ކަމަށްވެސް އަސްލަމް ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *