ބޭ އޮފް ބެންގާލްގައި އުފެދި މިހާރު ސްރީލަންކާ އާއި ހަމައަށް ދަތުރުކޮށްފައިވާ ތޫފާން "ބުރެވި" އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އަރާނެކަމަށް ލަފާކޮށް އިންޑިއާގެ ދެކުނާއި އިރު ދެކުނުގެ ބައެއް ސަރަހައްދުކަށް އެގައުމުގެ ކަމާބެހޭ އިދާރާތަކުން މޫސުމީ އެންމެ ވަރުގަދަ އިންޒާރު ރެޑް އެލާޓް ނެރެފިއެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ރެޑްއެލާޓް އިއުލާންކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދިވެހިން ގިނަ އަދަދަކަށް ގޮސްއުޅޭ ޓްރިވެންޑްރަމްގެ އިތުރުން ކޮއްލަމް، ޕަތަނަމަތިއްޓާ، ޓެމިލްނާޑޫގެ ތޫތުކުޑި، ކަންޔަ ކުމާރީ، އަދި ކެރެއްލާގެ އަލައްޕުޒާ ޑިސްޓްރިކްޓް ހިމެނެއެވެ. އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން އެސަރަހައްދު ތަކަށް ރެޑް އެލާޓް ނެރެފައި ވަނީ 3 ޑިސެމްބަރ (މިރޭ ފަތިހުން) ފެށިގެން ހުކުރު ދުވަހާއި ހަމައަށެވެ.
India Meteorological Department (IMD) issues red alert for Thiruvananthapuram, Kollam, Pathanamthitta and Alappuzha districts for December 3 in view of #CycloneBurevi. https://t.co/WMhC65b8jR
— ANI (@ANI) December 2, 2020
ތޫފާން "ބުރެވި" ޓްރިވެންޑްރަމް ސަރަހައްދަށް އަރާނެކަމަށް ލަފާކޮށްފައި ވަނީ މާދަމާއެވެ. އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިވުމުގެ ފިޔަވަޅުތަށް ވަރުގަދަކުރުމަށާއި އެ ސަރަހައްދުގެ މަސްވެރިން މަހަށް ނުފުރުމަށްވެސް އިލްތިމާސް ކޮށްފައެވެ.
މީގެ އިތުރުން ޓެމިލްނާޑޫ އާއި ކެރެއްލާ، މި ދެ ސްޓޭޓްގެ ދެކުނުގެ ބޮޑު ސަރަހައްދަކަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ތޫފާންގެ އަސަރު އެންމެބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭ ސަރަހައްދުތަކުގައި މިހާރުވަނީ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންޑް ޓީމްތައް ހަރަކާތްތެރި ކޮށްފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު ވަނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ލަފާކުރެވޭ ޓެމިލްނާޑޫ އާއި ކެރެއްލާ ސްޓޭޓްގެ ޗީފް މިނިސްޓަރުންނަށް ފޯނުންގުޅުއްވާ، ތޫފާނުން ރައްކާތެރި ވުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ތޫފާންގެ ހިރާސް އެންމެ ކުޑަކުރެވޭނެ ގޮތްތަކަށް އަމަލު ކުރުމަށާއި އިންޑިއާގެ މައި ސަރުކާރުން ސްޓޭޓް ސަރުކާރުތަކަށް ދެވޭނެ އެއްބާރުލުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ތޫފާން ދަތުރުކުރާނެ ކަމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ލަފާކުރަނީ ސީދާ ޓްރިވެންޑްރަމްގެ ދެކުނުގެ ސަރަހައްދުންގެ މަތިންނެވެ. އަދި އެސަރަހައްދުން ދަތުރުކޮށް އަރަބި ކަނޑަށް ތޫފާން ދަތުރު ކުރާއިރު ތޫފާނުގެ ބާރު ދައްވާނެ ކަމަށްވެސް އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
ތޫފާން "ބުރެވި" އުފެދި އިންޑިއާ އާއި ދިމާއަށް ދަތުރު މި ކުރަނީ އިންޑިއާ ކަނޑުގައި އުފެދުނު ތޫފާނެއް ކަމަށްވާ "ނިވާ"ގެ އަސަރު އެގައުމުގެ ބައެއް ސަރަހައްދުތަކަށް ކުރިތާ ހަފްތާއެއްގެ ތެރޭގައެވެ.
މިތޫފާނުގެ އަސަރު ރާއްޖެއަށްވެސް ކޮންމެވެސް ވަރަށް ކުރާނެތީ ރާއްޖޭގެ މޫސުމާބެހޭ އިދާރާ އާއި ކަމާގުޅުން ހުރި އެހެން އިދާރާތަކުންވެސް ވަނީ ހާއްސަކޮށް ކަނޑު ދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ