ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަކީ ސީދާ ޕީޕީއެމް ފިކުރުގެ ބޭފުޅެއްކަން ޔަޤީން ވެއްޖެ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފެންނަ މަންޒަރުތަކަށް ބަލާއިރު ނަޝީދަކީ ސީދާ ޕީޕީއެމް ފިކުރުގެ ބޭފުޅެއްކަން ޔަގީން ވެފައިވާ ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، ނަޝީދުގެ "ދަ ޑިމޮކްރެޓްސް" އަދި އެމްއެންޕީ ގުޅިގެން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. މި ފަރާތްތައް ގުޅިގެން މަސައްކަތް ކުރަން ފެށީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ސަރުކާރުން ގެއްލުވާލާފައިވާ ކަމަށް ބުނެ އެވެ.
މި ޕާޓީތަކުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވެސް މިހާރު ފެނިގެން ދަނީ އެއްކޮށް މަސައްކަތް ކުރާތަނެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރަން އެމްޑީޕީގެ މެމްބަރުން ކުރަމުންދާ މަސައްކަތަށް ތާއީދު ނުކުރާކަން ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފައިވަނީ އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގަ އެވެ. މިގޮތަށް ނިންމީ މަޖިލީހުގެ ރައީސްކަމުގައި ނަޝީދު ބަހައްޓައިގެން އިތުރަށް ކުރިއަށް ނުގެންދެވޭ މިންވަރަށް ކަންކަން ދިޔުމުން ކަމަށް ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވި އެވެ.
ނަޝީދު މަގާމުން ދުރުކުރަން 54 މެމްބަރުންގެ ސޮޔާއެކު މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ދުރުކުރަން މަސައްކަތް ކުރަމުންދާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ.