ރައްޔިތުންގެ މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މެމްބަރުންގެ ތާއީދު ނެތިގެން ހުށަހެޅުމުން އެކަމަށް ދުސްތޫރީ ގޮތުން ކުރެވޭނެ ޗެލެންޖެއް ނޯންނާނެ ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.ޑީޑީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލާގައި އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ދެއްކެވި ވާހަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ބަންޑާރަ ނައިބް ވަނީ ގާނޫނު އަސާސީ އާއި ޚިލާފްވެފައިވަނީ ކޮން އުސޫލަކުންތޯ ސުވާލު ކުރައްވާފައެވެ. އަދި ސަބަބު ބަޔާން ކޮށްގެން މެނުވީ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅޭނެ ކަމަށް ބަޔާން ކޮށްފައި ވާކަމަށް ވިދާޅުވަމުން ރިފްއަތު ވިދާޅުވީ ދެކުނުގެ އީއީޒެޑްގެ މައްސަލާގައި ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް ވަކާލާތު ކުރެއްވި ގޮތާމެދު މަޖިލީހުގެ ރައީސްއާއި މަޖިލިހުގެ 13 މެމްބަރަކު ހިތަށް ފެންނަ ގޮތަކީ ގާނޫނު އަސާސީގައި ބުނާ ސަބަބު ނޫންކަމަށެވެ.
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ބުނަނީ ސަބަބު ބަޔާންކޮށްގެން މެނުވީ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައެއްނޭޅޭނެ ކަމަށް. އަޅުގަނޑު ވަކާލާތުކުރި ގޮތާ މެދު މަޖިލީހުގެ ރައީސާއި 13 މެންބަރުންގެ ހިތަށް ފެންނަ ގޮތަކީ ގާނޫނުއަސާސީގައި ބުނާ ސަބަބެއް ނޫން.
– ބަންޑާރަ ނައިބް ވިދާޅުވިއެވެ.
ބަންޑާރަ ނައިބްގެ ވާހަތަކާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނު އަސާސީގައި ވަޒީރެއްގެ އިތުބާރު ނެގޭނެ ގޮތް ސާފުކޮށް ބަޔާންކޮށްފައި ވާކަމަށެވެ. މެމްބަރުންގެ އިތުބާރު ނެތިގެން ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށަހަޅާ މައްސަލައަކީ އެވަޒީރަކު ހިތްހަމަޖެހޭ ސަބަބަކަށް ވާން ނުޖެހޭކަމަށެވެ.
ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން ބަޔާންކުރާ ސަބަބަކީ ބަންޑާރަ ނައިބު ހިތްހަމަޖެހޭ ސަބަބަކަށް ވާކަށް ނުޖެހޭ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ނަޒަރުގައި އެސަބަބަކީ އިތުބާރު ގެއްލޭ ފަދަ ސަބަބަކަށް ވާނަމަ، ދުސްތޫރީ ގޮތުން ކުރެވޭނެ ޗެލެންޖެއް ނޯންނާނެ!
– ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި އިއްޔެ ކުރިއަށް ގެންދިއުމުގައި ގިނަ ހުރަސްތަކެއް ކުރިމަތިވެ ޖަލްސާ ނިންމާލީވެސް މިމައްސަލާގައި ގޮތެއް ނުނިންމައެވެ.
ކޮމެންޓު ފޮނުވާ