ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައަމަދު ނަޝީދު މަޖިލިސް ރައީސްކަމުގެ މަގާމުން ދުރުކުރުމަށް ވިސްނަމުންދާ ކަމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ.
އެމްޑީޕީގެ ޕީޖީގެ ފަރާތުން މިއަދު ބޭއްވު ނޫސްވެރިންގެ ބައްދަލުވުމުގައި، އެޕާޓީގެ ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އަދިވެސް އިންނެވީ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ކަމުގައެވެ.
އޭނާ ވިދާޅުވީ އެހެންނަމަވެސް ރައްޔިތުންގެ މަޖިލިހުގެ ރައީސް މަޖިލިސް ކުރިޔަށް ގެންދަނީ މަޖިލިހުގެ ގަވާއިދާ ޚިލާފަށް ކަމަށާއި، އެކަން އެގޮތަށް ތަކުރާރު ވަމުންދާތީ ނަޝީދު މަޖިލިސް ރައީސްކަމުން ދުރު ކުރުމާމެދު ވިސްނަމުންދާކަމަށް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމުގައެވެ.
އެހެންނަމަވެސް އެމައްސަލައާއި ގުޅޭގޮތުން އަދި ވަކިގޮތަކަށް ނިނާމާފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ، ބަންޑާރަނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމުގައެވެ. އޭނާ ފާހަކުރެއްވި ގޮތުގައި މަޖިލިސް ފްލޯ ކުރިޔަށް ގެންދަވަން މަޖިލިސް ރައީސް މިއަދު މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު ސެޝަނެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް ވަޒީރެއްގެ ނޯ ކޮންފިޑެންސްގެ މައްސަލައަކީ ތުހުމަތުތަކުން ދިފާއުވުމަށް ވަޒީރަށް ފުރުސަތު ދީގެން ކުރިޔަށް ގެންދާންޖެހޭ ސެޝަނެއްކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
އޭނާ ވާހަކާގައިވަނީ، މަޖިލިސް ރައީސް ނިޒާމީ ނުކުތާތަކަށްވެސް މިއަދު ފުރުސަތު ދެއްވަމުން ގެންދެވީ އިދިކޮޅު މެމްބަރުންނާއި ގުޅިގެންކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.
ބަންޑާރަނައިބު އިބުރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިއަދު މަޖިލިސް ފްލޯގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ނަޝީދު އެމްޑީޕީން ވަކިވާތަނުން، ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިގޮތަށް ނަޝީދުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެކަމުގެ އިންޒާރު ދީފައެވެ.