Author
އަޒްފާ ރަޝީދު
04 ޖޫން 2023 07:22
0

ރިކަރެންޓު ޚަރަދުތައް އިތުރުވެ 2022 ވަނަ އަހަރާއި އަޅާ ބަލާއިރު، މި އަހަރުގެ ބަޖެޓު ބޭނުންކުރަމުންދާ މިންވަރު އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބްތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އަންނަނީ ކޮންމެ ހަފްތާއެއްގެ ތަފާސް ހިސާބުތައް ޝާއިއުކުރަމުންނެވެ. އެހެންނަމަވެސް މި ފަހުން މިނިސްޓްރީއިން އެ ތަފާސް ހިސާބުތައް ހިއްސާ ނުކޮށް ތިބުމަށްފަހު، ވަނީ މި ދިޔަ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓުން ބޭނުންކޮށްފައިވާ މިންވަރުތައް ހިއްސާކޮށްފައެވެ. އެގޮތުން މޭ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ޖުމުލަ ބަޖެޓުގެ 40 އިންސައްތައަށްވުރެ އިތުރު އަދަދެއް ބޭނުންކޮށްފައިވެއެވެ. އެއީ 16.92 ބިލިއަން ރުފިޔާއެވެ.

މޭ 18 ވަނަ ދުވަހުގެ ނިޔަލަށް ހިއްސާކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން ސަރުކާރަށް އެކި ގޮތް ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.77 ބިލިއަން ރުފިޔާއެވެ. މިހާތަނަށް ހޭދަކޮށްފައިވާ އަދަދަށްވުރެ މަދު އަދަދެކެވެ. މިހާތަނަށް ހޭދަކޮށްފައިވަނީ 16.92 ބިލިއަންކަމަށްވާއިރު، މިދިޔަ އަހަރު މިހާ ހިސާބަަށް ހޭދަކޮށްފައިވަނީ 13.4 ބިލިއަންއެވެ.

ސަރުކާރުގެ ހިންގުންތެރިކަމާއި އިދާރީ މަސައްކަތްތަކުގެ ހަރަދުވެސްވަނީ 2022 ވަނަ އަހަރުގެ މި ހިސާބާއި އަޅާ ކިޔާއިރު އިތުރުވެފައެވެ. 2022 ވަނަ އަހަރު 6.11 ބިލިއަންގެ ހަރަދެއްކޮށްފައިވާއިރު، މި އަހަރު މި އަދަދުވަނީ އިތުރުވެ، 7.38 ބިލިއަންއަށް އަރާފައެވެ.

މި އަހަރުގެ ބަޖެޓުން 16 ބިލިއަންނަށްވުރެ އިތުރު ހަރަދެއް މޭ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކޮށްފައިވާއިރު، 2022 ވަނަ އަހަރުގެ މޭ މަހުގެ 19 ވަނަ ދުވަހު ނެރިފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެ އަހަރު ސަރުކާރުން ހަރަދުކޮށްފައިވަނީ 12.86 ބިލިއަން ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.