އައްޑޫގެ އިގްތިސާދު ކުރިއެރުވުމަށް ސަރުކާރުން ހިންގަމުންދާ ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް ފަށަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ، ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފަސް ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ މަރަދޫއާއި ހަންކެނޑެ ސަރަހައްދުގެ ބިން އިތުރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުއާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އިފްތިތާހުކޮށްދެއްވާނެއެވެ.
އައްޑޫ ބިން ހިއްކަނީ ކުރިއަށް އޮތް 50 އަހަރަށް ވާ ވަރަށް ބިން އިތުރުކޮށް، ޓޫރިޒަމް ތަރައްގީކޮށް އިގްތިސާދު ކުރިއެރުވުމުގެ ގޮތުންނެވެ. ބިލިއަނެއްހާ ރުފިޔާގެ މި މަޝްރޫއުގެ ދަށުން، އައްޑުއަށް 194 ހެކްޓަރުގެ ބިން އިތުރުކޮށް، 11 ކިލޯމީޓަރުގެ ޝޯ ޕްރޮޓެކްޝަން ގާއިމްކުރާނެއެވެ.
އައްޑޫއިން ހިއްކާ ބިންތައް:
– ހިތަދޫއިން 50 ހެކްޓަރުގެ ސަރަހައްދަކާއި 40 ހެކްޓަރުގެ ސަރަހައްދެއް
– މަރަދޫފޭދޫއިން 76 ހެކްޓަރުގެ ސަރަހައްދެއް
– ރިސޯޓު ހަދަން 8.3 ހެކްޓަރުގެ ތިން ރަށް
– ލިންކު ރޯޑް ހަދަން 3.3 ހެކްޓަރު
ރައީސް ޞާލިޙް އައްޑޫ ސިޓީއަށް ވަޑައިގަންނަން ހަމަޖެހިފައިވާޢިރު، ދާދި ފަހުން ވަނީ ފ. އަތޮޅަށް ވަޑައިގެންފައެވެ. އެދަތުރުފުޅުގައި ފ. އަތޮޅުގެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ވަނީ ބައްލަވާލައްފައެވެ.
ރައީސް ޞާލިޙް އައްޑުއަށް ކުރައްވާ މިދަތުރުފުޅުގައި އަރިހުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު ޝްރީ މުރަލީދަރަން ވެސް ވަޑައިގަންނަވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ކޮމެންޓު ފޮނުވާ