ޗާގޯސްގެ ނަމުގައި ހިންގާ ހަރަކާތްތަކަކީ ބަޣާވާތް ކުރުމަށް ރާވާ ހީލަތްތެރި ނުބައި ރޭވުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިނގިނލި ދާއިރާގެ މެމްބަރު ސައިދު ހުސެއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލާފައިވާ ކަމަށް ބުނެ "ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު"ން މިރޭ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއެއްވުމުގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވާނެކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.
މެމްބަރު ސައުދު ވިދާޅުވީ ޗާގޯސްގެ މައްސަލާގައި އިދިކޮޅު ކޯލިޝަނުން ހިންގާ އެކި ހަރަކާތްތަކީ ވަރަށް ބޮޑު ހީލަތްތެރިކަމެއްގެ ތެރެއިން ހިންގާ ނުބައި ކަންތައްތަކެއް ކަމަށެވެ. މިއީ ރާއްޖޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެނެސްދެއްވާފައިވާ ހަމަޖެހުމާއި ސުލްހަ ވެރިކަން ނަގާލައި، ސިޔާސީ ހުޅު ރޯކޮށްލުމަށް ހިންގަމުންދާ ވަރަށް ނުރަނގަޅު ހަރަކާތްތަކެއް ކަމަށެވެ.
ސައުދު ވިދާޅުވީ މި ހަރަކާތްތަކުގެ މަގުސަދު ގުޅިގައިވަނީ ސިޔާސީ ހަމަޖެހުން ނަގާލުމަށްފަހު ރާއްޖޭގައި ބަޣާވާތް ކުރުމަށް ކަމަށެވެ. އަދި ނުބައި ހީލަތްތެރި ރޭވުމުގައި ބައިވެރި ނުވުމަށް ސައުދުވަނީ ގޮވާލާފައެވެ.
ޗާގޯސްގެ ނަމުގަ އިދިކޮޅު ފަރާތްތަކުން ހިންގާ ހަރަކާތްތަކަކީ ދިވެހި ޤައުމަށް ރައީސް ޞާލިހު ގެނެސްދެއްވާ ހަމަޖެހުމާއި އެއްބައިވަންތަކަމާއި، ކުރިއެރުމަށް ހިތްނުތަނަވަސްވެ ޤައުމުގެ ހަމަޖެހުން ނަގާލާ ސިޔާސީ ފިތުނައިގެ ހުޅު ރޯކޮށް ބަޣާވާތް ކުރުމަށް ރާވާ ހީލަތްތެރި ނުބައި ރޭވުމެއް.
– ސައުދު ވިދާޅުވިއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރަނީ 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެކެވެ. އިޓްލޮސްގައި ކުރިއަށް ގެންދިޔަ ޝަރީއަތުން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ މަސްވެރިން ޒަމާނުއްސުރެ މަސްވެރިކަމަށް ބޭނުންކުރަމުން އައި 200 ނޯޓިކަލް މޭލުގެ ތެރެއިން ގާތްގަނޑަކަށް 44،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ގެއްލޭނެ ކަމަށް ކަމުގެ މާހިރުން ބުނެއެވެ.
މޮރިޝަސް އާއި ރާއްޖޭގެ އިން ކަނޑައެޅުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ކަންކުރި ގޮތާއި، ވަކާލާތުކުރި ގޮތް އަދި ގެންގުޅުނު ސްޓޭންޑަށް، ކަމުގެ މާހިރުންނާއި ގިނަ ދިވެހިރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.
އެގޮތުން ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަން މޮރީޝަސްއަށް ދިނުމާމެދު ރާއްޖެއިން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑު ބަދަލުކޮށް، މޮރީޝަސްއާ އެއްކޮޅަށް ވޯޓުދޭން ނިންމި ނިންމުމާއި، މިހާތަނަށް އައިއިރު ތަފްސީލް ހާމަކޮށްފައިނުވާ، މޮރީޝިއަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅާ ގުޅޭގޮތުން ގިނަބައެއްގެ ކަންބޮޑުވުން އެބައޮތެވެ.
ކޮމެންޓު ފޮނުވާ