ބޭބެ މަރާލި ކޮއްކޮ އައްޑޫގައި ހައްޔަރު ކޮށްފި

ބޭބެ މަރާލި ކޮއްކޮ އައްޑޫގައި ހައްޔަރު ކޮށްފި

Author
ހުސެއިން
02 ޖޫން 2023 06:18
0

އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ބޭބެގެ ގަޔަށް ވަޅިހަރާ މަރާލި ކޮއްކޮ ހައްޔަރު ކޮށްފިއެވެ. މި ހާދިސާގައި މަރުވެފައިވަނީ ސ. މަރަދޫފޭދޫ، ބްލޫސްޓަރ، އަހުމަދު ޝުއައިބުއެވެ. އޭނާގެ އުމުރަކީ 27 އަހަރެވެ.

ކާކުކަން ހާމަނުކޮށް ފުލުހުން ބުނެފައިވަނީ މިމައްސަލާގައި 25 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަމުގައެވެ. "ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ ނިޔާވި ޝުއައިބުގެ ކޮއްކޮ ހުސެއިން މަވާޒެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިހަމަލާއަށްފަހު ފިލައިގެން އުޅެނިކޮށް ކަމަށްވެއެވެ.

ކޮއްކޮއަކު އޭނާގެ ބޭބެގަޔަށް ވަޅިހެރުމުން ބޭބެ ނިޔަވެފައިވަނީ ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށް އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުގައެވެ.

"ޚަބަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭބެގެ ގަޔަށް އޭނާގެ ކޮއްކޮ ވަޅިހަރާ ޒަޚަމް ކޮށްލާފައިވަނީ މަސްތުގެ ހާލަތުގައި ހުރެގެންނެވެ. އަދި ދެމީހުންނަކީވެސް މަސްތުވާތަކެތީގެ ވިޔަފާރި ކޮށްއުޅޭ ދެމީހުންނަމަވެސް، ދެމީހުންގެ މެދުގައި ޖެހިފައިވަނީ ފޯނެއްގެ މައްސަލަކަމަށް މައުލޫމާތު ލިބިފައި ވެއެވެ. ވަޅީގެ ހަމަލާތައް ނިޔާވި ޝުއައިބުގެ މެޔަށްވެސް ހަމަލާ އަމާޒުވެފައިވާކަމަށް "ޚަބަރު އޮންލައިން" އާއި ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދީފައި ވެއެވެ.

މަންޒަރު ދުށް މީހުން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ޒަޚަމްވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހާލު ވަރަށް ސީރިއަސްއެވެ. އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލުން ހާމަ ކޮށްފައިވަނީ ތޫނު ހަތިޔާރުން ހަމަލާ ދީގެން ފަރުވާދެމުންދިޔަ 27 އަހަރުގެ ޒުވާނަކު އެރޭ ދަންވަރު ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާކަމުގައެވެ.

ފުލުހުން ވިދާޅުވެފައިވަނީ އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީގެން އެއިދާރާއަށް ރިޕޯޓު ކޮށްފައިވަނީ އެރޭގެ 23:38 ގައި ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.