ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.
އެޗްޕީއޭއިން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި މުބާރާތް ކުރިއަށްދާނީ ސޯޝަލް މީޑިއާގައި ކަމަށެވެ. އަދި މުބާރާތުގައި ބޭނުންކުރާ ޝިއާރަކީ "އަހަރެން ދެކެން ބޭނުންވާ ދުންފަތުގެ ދުމުން ރައްކާތެރި ރާއްޖެ" ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމަށް ކުރަހާފައިވާ ޕޯސްޓަރުތައް ހުށަހަޅާނީ އެޗްޕީއޭގެ ސޯޝަލް މީޑިއާ ފޭޖަށް މެސެޖަކުން ކަމަށް އިއުލާނުގައި ވެއެވެ.
އެޗްޕީއޭ ގެ ސޯޝަލްމީޑިއާ މަންސަތައް
– ފޭސްބުކް (HPA- Maldives)
– އިންސްޓަގްރާމް (hpa_mv)
– ޓުވިޓާ (HPA_MV@)
އެޗްޕީއޭ އިން ބުނީ، ފޭސްބުކްން އަދި އިންސްޓަގްރާމް މެދުވެރިކޮށް ހުށަހެޅޭ ޕޯސްޓަރުތަކުގެ ތެރެއިން ފަސް ޕޯސްޓަރު ޖަޖުންގެ ޕެނަލްއަކުން ހޮވާނެ ކަމަށާއި އެ ޕޯސްޓަރުގެ ތެރެއިން އެންމެ ގިނަ ލައިކް ލިބޭ ތިން ޕޯސްޓަރު އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އަދި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ހާއްސަ އިނާމެއް ދޭނެ ކަމަށް ބުނެފައިވެއެވެ. އެގޮތުން؛
– 1 ވަނައަށް -/1500 ރުފިޔާ
– 2 ވަނަ އަށް -/1000 ރުފިޔާ
– 3 ވަނަ އަށް -/500 ރުފިޔާ
ވަނަ ލިބޭ ޕޯސްޓަރުތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޗެނަލްތަކުގައި އެމީހެއްގެ ނަމާއެކު ޝާއިއު ކުރާނެ ކަމަށް އެ އޭޖެންސީއިން ބުނެފައި ވެއެވެ.
އެޗްޕީއޭއިން ބުނީ މުބާރާތައް ހުށަހަޅަންވާނީ އަމިއްލައަށް ކުރަހާފައިވާ އެއްޗެއް ކަމަށެވެ. އެހެން މީހަކު ކުރަހާފައިވާ ކުރެހުމެއްކަން އެނގިއްޖެނަމަ އެ ހުށަހެޅުމެއް ވަގުތުން މުބާރާތުން އުނި ކުރެވޭނެއެވެ.
މުބާރާތުގައި ބައިވެރިވެވޭނެ އުމުރު ފުރާއަކީ:
7 އަހަރާއި 12 އަހަރާއި ދެމެދު
12 އަހަރާއި 18 އަހަރާ ދެމެދު
18 އަހަރާއި 25 އަހަރާ ދެމެދު
އެޗްޕީއޭއިން ބުނީ މުބާރާތަށް ހުށަހަޅާ ޕޯސްޓަރުތައް ވާންޖެހޭނީ ރާއްޖޭގެ ދީނާއި އާދަކާދައާއި ހިލާފުނުވާ ކުރެހުމާއި މައުލޫމާތު ލިބޭފަދަ ޕޯސްޓަރަކަށް ކަމަށެވެ. އެ ޕޯސްޓަރުތަކުގައި އެއްވެސް ކުންފުންޏެއް ރަމްޒުކޮށްދޭ ނިޝާނެއް ހުރެގެން ނުވާނެއެވެ. އަދި މުބާރާތަށް އެކަށީގެން ނުވާ ޕޯސްޓަރު މީސް މީޑިއާގައި ހިއްސާ ނުކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީހެ އިތުރުން މުބާރާތަށް ބައިވެރިން ހުށަހަޅާ ހުށަހެޅުމެއްގެ ސަބަބުން ދިމާވާ ގާނޫނީ މައްސަލައަކަށް އެޗްޕީއޭއިން ޒިންމާ ނުވާނެ ކަމަށް ވެސް އެ އޭޖެންސީއިން ބުނެ އެވެ.