ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކޮންޓްރޯލް ކުރަމުންދިޔަ ހދ.އަތޮޅު ކައުންސިލްގެ މެޖޯރިޓީ އެޕާޓީއަށް ގެއްލިއްޖެއެވެ.
އެމްޑީޕީގެ ތެރެއިނން އިތުރު ސިޔާސީ ޕާޓީއެއް އުފަންވުމާއިއެކު އެމްޑީޕީއަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ދަނީ އެޕާޓީއާއި ގުޅެމުންނެވެ. ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ ދަ ޑިމޮކްރެޓްސްއަށް މިއަދު ސޮއިކުރި ހދ.އަތޮޅުގެ ކައުންސިލްގައި ހިމެނޭ އެމްޑީޕީގެ ތިން މެމްބަރަކު އެޕާޓީއަށް ވަނީ ކައުންސިލްގެ މެޖޯރިޓީ ގެއްލިފައެވެ.
އެ ޕާޓީއަށް ސޮއި ކުރީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ މުޙައްމަދު އާތިފް އާއި ވައިކަރަދޫ ކައުންސިލުގެ ރައީސް ޒާމިރު އަދި ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުހައްމަދުއެވެ. މޭޔަރު އަހްމަދު އާތިފް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހުރިހާ މެންބަރުން މިއަދުވަނީ ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.
މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސް އާއި އެކު އެމްޑީޕީ ތަމްސީލް ކުރައްވާ 7 މެންބަރުން ތިއްބަވައެވެ. 3 މެންބަރުން އެމްޑީޕީން ވަކިވެ އާޕާޓީއާއި ގުޅުމުން މިހާރު އެމްޑީޕީގައި ތިއްބަވާނީ ރައީސް އާއި އެކު 4 މެންބަރުންނެވެ. ހދ. އަތޮޅު ކައުންސިލްގައި ޕީޕީއެމްގެ 4 މެންބަރުން ތިއްބަވާއިރު އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ 2 މެންބަރުންނާއި އަމިއްލަ ގޮތުން ހޮވިފައި ހުރި މެންބަރަކާއި އެކު 14 މެންބަރުން ތިއްބަވައެވެ.
އެހެން ކަމުން މިހާރު ހދ.އަތޮޅު ކައުންސިލުގެ ނިންމުންތައް ނިންމުގައި ސަރުކާރުން ބޭނުންވާ ގޮތަކަށް ނިންމުމަކީ އުދަނގޫ ކަމަކަށް ވާނެއެވެ.
ކޮމެންޓު ފޮނުވާ