މި ސަރުކާރުން ކަނޑު ވިއްލާފައިވާކަމަށް ބުނެ، އެމައްސަލާގައި ސަރުކާރަށް ޕްރެޝަރު ކުރުމަށް އުފައްދާފައިވާ ޗާގޮސް ކޯލިޝަނުން އަންނަ ޖޫންމަހުގެ 2 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދާ ބޮޑު އެއްވުމުގައި ޖޭޕީގެ އެއްވެސް މެމްބަރަކު ބައިވެރި ނުވުމަށް އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބުރާހިމް ގޮވާލައްވައިފިއެވެ.
ޖޭޕީގެ ކައުންސިލް މެމްބަރުންނާއި ލީޑަޝިޕް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ގާސިމް ފޮނުއްވި މެސެއްގައި ވިދާޅުވެފައިވަނީ، އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރު ވަމުންދާ މި އެއްވުމުގެ ހަގީގީ މަގުސަދަކީ ކޮބައިކަން ޖޭޕީގެ ލީޑަރޝިޕްގެ ބޭފުޅުންނަށް އެނގޭނެކަމުގައެވެ.
2 ޖޫން ގެ މުޒާހަރާގައި ޕާޓީގެ ލީޑަޝިޕާއި އާންމު މެންބަރުން ބައިވެރިވެ ވަޑައި ނުގަތުމަކީ އަޅުގަނޑުގެ އިހްލާސްތެރި ނަސޭހަތާއި އަދި އިލްތިމާސް އެކެވެ.
ޖޭޕީގެ ލީޑަރޝިޕްގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެޖުގައި ގާސިމް ވިދާޅުވެފައި ވެއެވެ.
ގާސިމްވިދާޅުވެފައިވަނީ، މިމައްސަލާގައި ހަގީގީ ނަތީޖާ ހާސިލްވާނެ މަގަކަށް ވާނީ އިޓްލޮސްގެ ނިންމުން ބަދަލުކުރެވޭނެ މަގެއް ފެނޭތޯ ގާނޫނީ ބޭފުޅުންގެ ލަފާއެކީ މަސައްކަތް ކުރުންކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.
ވިސްނުންތެރިކަމާއި އެކު ބައިނަލް އަޤްވާމީ މާހިރުންގެ ލަފާއާއި އެކު އިޓްލޮސް ގެ ނިންމުން ބަދަލު ކުރެވޭނޭ އެންމެހާ މަގުތަކެއް ހޯދޭތޯ ހުރިހާ ބޭފުޅުންވެސް ބުރަކޮށް މަސައްކަތް ކުރެއްވުން އެއީ ހަޤީޤީ ނަތީއްޖާ އެއް ހާސިލް ވާނެ މަގުކަމުގައި އަޅުގަނޑު ދެކެމެވެ.
ލީޑަޝިޕް ވަޓްސްއަޕް ގުރޫޕުގައި ގާސިމް ލިޔުއްވާފައި ވެއެވެ.
ގާސިމް ވިދާޅުވެފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި، 2015 ވަނަ އަހަރުގެ ލޭބަރ ޑޭ އާއި ދިމާކޮށް 1 މޭގައި ބޭއްވުނު އެއްވުމުގައިވެސް ބައިވެރިވެވަޑައިގެންފައި ނުވާނެކަމުގައެވެ. ގާސިމް ވިދާޅުވި އެ މުޒާހަރާއިންވެސް ނެރެން ބޭނުންވި ނަތީޖާ ނުނިކުމެ، މުޒާހިރާ ނިމިގެން ދިޔައިރު ނުކުތީ މުޅިން އެހެން ނަތީޖާއެއް ކަމަށާއި، ޖޭޕީން އެ މުޒާހިރާގައިވެސް ބައިވެރިވެފައި ނުވަނީ އެކަމާމެދު ފުންކޮށް ވިސްނުމަށް ފަހު ކަމަށެވެ.
ޗާގޮސްގެ މައްސަލައަށް ޚާއްސަ ކޮށްގެން ދާދިފަހުން ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގައިވެސް، އެ މައްސަލާގައި ކައުންސިލަށް ހުށަހެޅުނު ގަރާރާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމްވެސް އަދި ގަރާރާއި ގުޅޭގޮތުން ވާހަކަދެއްކެވި އެހެން މެމްބަރުންވެސް ބާރު އަޅުއްވާފައިވަނީ މިމައްސަލާގައި ގައުމުގެ މަސްލަހަތު ނުގެއްލޭ ގޮތެއްގެ މަތިން، ގެއްލިގެން ގޮސްފައިވާކަމަށް ބުނާ ސަރަހައްދު އަލުން އަބުރާ ހޯދުމަށް ކުރެވެން ހުރި ގާނޫނީ މަސައްކަތް ކުރުމަށެވެ.
މިގޮތުން ޖޭޕީގެ ކައުންސިލުން ވަނީ އިޓްލޮސްގެ ނިންމުން ވީހާވެސް އަވަހަކަށް އިސްތިއުނާފް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.