ސަރުކާރުގެ އެންމެ މަތީ ޒިންމާއާއި ހަވާލުވާ ވެރިޔާއަށް ނިސްބަތްކޮށް، ކިޔާ ވަނަން ކިޔުން ހުއްޓުވަން އުޅުމަކީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ފިޔަވަޅެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކަށް ބޮޑު ކަވަރޭޖެއް ދޭ ޗެނަލް 13 އިން ގެނައި ކޮންޓެންޓަކާ ގުޅިގެން ބްރޯޑްކޮމް އިން އެ ޗެނަލަށް ފިޔަވަޅު އެޅުމުން އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ މަޖިލީހަށް ބަލައިނުގަތް ނަމަވެސް އެ މައްސަލައާ ހަވާލައި ދެއްވައި ބައެއް މެމްބަރުން ވާހަކަ ދެއްކެވިއެވެ.
މަޖިލީހުގެ ނައިބް ރައީސް އީވާ ވިދާޅުވީ އެމްޑީޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްއަށް "ގޮޅާބޯ" ކިޔައިގެން ވެރިކަން ބަދަލުކުރި ބައެއް ކަމަށެވެ. ހަމަ އެހެންމެ ރައީސް ނަޝީދުގެ ވެރިކަމުގައި ޑީއާރުޕީން ވެސް ހިތުހުރިހާ އެއްޗެއް ރައީސް ނަޝީދަށް ގޮވިއިރު އޭގެ ފަހުން "ބަޣާވާތަކާއެކު" ރައީސް މުހައްމަދު ވަހީދު ހަސަންމަނިކަށް ވެސް ލަވަތައް ހަދައިކި އިރު ރައީސް ޔާމީންއަށް ވެސް އިންތިހާއަށް އެއްޗެތި ގޮވި ކަމަށެވެ.
އީވާ ވިދާޅުވީ އެކަންކަމަކީ ސިޔާސީ އުކުޅުތައް ކަމަށާއި އެ ހުރިހާ ކަމަކީ އަޅުގަނޑުމެން އެންމެން އެއްބަސްވާ ކަންކަމަށް ވާން ނުޖެހޭ ކަމަށެވެ.
އަކަމު ޗޯރު އިބުރޭ. އެމީހުން ގޮވަން ބޭނުމިއްޔާ ގޮވުމަކީ އެ މީހުންގެ ހައްގެއް. ދެން ރައީސް އޮފީހުން މި ބުނަނީ ފިޔަވަޅު އަޅާނަމޭ. ދެން ޕީއެސްއެމްއިން މި ބުނަނީ މަޖިލިސް ލައިވްކުރުން ހުއްޓާލިއްޔޭ. މީޑިއާގެ މިނިވަންކަން ގެއްލިގެން ދިޔައިއްޔޭ.
– އީވާ ވިދާޅުވިއެވެ.
އީވާގެ ވާހަކައަށް ފަހު އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން ނަޝީދު ވިދާޅުވީ ކުރީގެ ރައީސުންނަށް ކީ ވަނަންތައް މެމްބަރުންނަށް ހަނދާންކޮށްދެއްވާނެ ކަމަށެވެ.
އަޅުގަނޑު ވެސް ހަނދާންކޮށްދޭނަން އިއްޒަތްތެރި މެމްބަރުންނަށް، ކުރީގެ ރައީސް އިބްރާހީމް ނާސިރަށް ކަރުކުރު ބައިސާ، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަށް ގޮޅާބޯ، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގަންޖާބޯ، ކުރީގެ ރައީސް ވަހީދަށް ބާގީ ވަހީދު، ކުރީގެ ރައީސް ޔާމީނަށް ރާގޮނޑި ރާޖާ، މި ނަންތައް އަޅުގަނޑުމެން ވަނީ މި މަޖިލީހުގަޔާ އަދި އެހެން ތަންތަނުގައި އެކި ގޮތް ގޮތަށް ކިޔާފައި.
– ނަޝީދު ވިދާޅުވިއެވެ.
ވަނަންތަކުގެ ލިސްޓު ނިންމަވައިލައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތް ކޮށް އިދިކޮޅުން ބޭނުންކުރާ ވަނަން "ޗޯރު އިބުރޭ" ކީމާ ހަމައިން ނައްޓައިގެން ދާ ވަރަށް ކަންބޮޑުވުން ރަނގަޅު އެއީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ